ޚަބަރު

އިންޑިއާއިން ރާއްޖެއަށްދޭ މާލީ އެހީ ހަތަރު ގުނައަށް އިތުރުކުރަނީ

އަހުމަދު ޖައިޝަން

އިންޑީއާ ސަރުކާރުން ރާއްޖެއަށް މިހާރު ދެމުން އަންނަ މާލީ އެހީ ކުރިއަށް އޮތް ތަނުގައި ހަތަރު ގުނައަށް އިތުރުކުރަން ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އިންޑިއާގެ އެކްޓިން ފިނޭންސް މިނިސްޓަރު ޕިޔުޝް ގޯޔަލް އެގައުމުގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި އަހަރާއި އަންނަ އަހަރު ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ އެހީގެ މައުލޫމާތު ވަނީ ހިމަނައިފައެވެ.

އެގޮތުން ބަޖެޓުގައި ހިމަނާފައިވާ ގޮތުގައި މިއަހަރާއި އަންނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި 5.75 ބިލިއަން ރުޕީސް (1.23 ބިލިއަން ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިދިޔަ އަހަރު ރާއްޖެއަށް ދިނުމަށް ކަނޑައެޅި އަދަދަށްވުރެ 460 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އެހީގެ ގޮތުގައި ދިނުމަށް މިދިޔަ އަހަރު ކަނޑައަޅާފައިވަނީ 1.25 ބިލިއަން ރުފީސް އެވެ.

އިންޑިއާއިން އެކި ގައުމުތަކަށް ލޯނާއި އެހީގެ ގޮތުގައި 4.8 ބިލިއަން ޑޮލަރު ހޭދަ ކުރުމަށް ވަނީ ބަޖެޓުގައި ހިމަނައިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވަނީ ބޫޓާނަށެވެ. އެއީ 1.6 ބިލިއަން ޑޮލަރެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް އިތުރުކުރުމަށް ބަޖެޓުކޮށްފައިވާއިރު މިދިޔަ އަހަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަައި ދެގައުމުގެ އެންމެ އިސް ވެރީން ބޭއްވެވި ރަސްމީ ޕްރެސް ސްޓޭޓްމެންޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖެއަށް ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދިނުމަށް ނިންމެވިކަން އިއުލާނުކުރައްވައިފަ އެވެ.