ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

32 ދާއިރާ ކަށަވަރުވެއްޖެ، އިތުރު ދާއިރާތައް މިރޭ ކަށަވަރުވާނެ: އެމްއާރުއެމް

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ 32 ދާއިރާއަށް ވާދަކުރަން މިހާރު ނިންމާފައިވާ ކަމަށާއި މިރޭގެ ބައްދަލުވުމުގައި އިތުރު ދާއިރާތައް ކަށަވަރުވެގެންދާނެ ކަމަށް ''މޯލްޑިވްސް ރިފޯމް މޫވްމަންޓް'' (އެމްއާރުއެމް)އިން ބުނެފިއެވެ.

''ވަންއޮންލައިން"އަށް މައުލޫމާތުދެއްވަމުން އެމްއާރުއެމްގެ އިސް ބޭފުޅެއްކަމަށްވާ އަބްދުލް އަލީމު މިއަދު ވިދާޅުވީ ރައީސް މައުމޫންގެ ތާއީދާއެކު 32 ދާއިރާއަށް ވާދަކުރައްވާނެ ކެންޑިޑޭޓުން ކަށަވަރުވި ނަމަވެސް އޭގެ ތެރޭގައި ބައެއް ސަބަބުތަކާހުރެ އެދާއިރާތަކަށް ވާދަކުރަން ބޭނުން ނުވާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން އެހެން ޕާޓީތަކުން ބައެއް ދާއިރާތަކަށް، އާއިލީ ގުޅުން އޮންނަ ފަރާތްތަކުން ވާދަކުރަން ނިންމާފައިވާތީ ވާދަކުރަން ބޭނުން ނުވާ ފަރާތްތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

''32 ދާއިރާގެ ތެރޭގައި އެބަހުރި އެހެން ޕާޓީތަކުން އާއިލާގެ މީހުން ވާދަކުރަން ނިންމާފައި. އެސަބަބާހުރެ އެދާއިރާއަށް ނުކުންނަން ބޭނުން ނުވާ މީހުން ވެސް އެބަަތިބި. އެކަމަކު ވެސް 32 ދާއިރާއަށް ވާދަކުރާނެ. ދެން މިރޭ އޮތް ކޮމެޓީ ބައްދަލުވުމުގައި ނިންމާނެ އިތުރަށް ވާދަކުރާނެ ދާއިރާތައް. ނުކުންނަ ދާއިރާތައް 32 އަކަަށްވުރެ މަދެއް ނުވާނެ'' އަލީމު ވިދާޅުވިއެވެ.

މިރޭ ބާއްވާ ކޮމެޓީ ބައްދަލުވުމުގައި އިތުރު ދާއިރާތަކަށް ވާދަކުރުމާ މެދު ގޮތެއް ނިންމައި، އެދާއިރާތައް ކަނޑައަޅާނެ ކަމަށްވެސް އަލީމު ވިދާޅުވިއެވެ.

އަލީމު ވިދާޅުވީ އެމްއާރުއެމްގެ ފަރާތުން ވާދަކުރާ ފަރާތްތަކަށް ރައީސް މައުމޫންގެ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ރައީސް މައުމޫންގެ ޚާއްސަ ސިޓީއެއް ކެމްޕެއިންގައި ބޭނުން ކުރާނެ ކަމަށެވެ. އަދި ރައީސް މައުމޫންގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުން ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ވެސް އަލީމު ވިދާޅުވިއެވެ.