އަލީ ޔާމިން
އެ ވިދާޅުވާ ވަރުގެ ހަރުކަށި ފިކުރެއް އެމްޑީޕީ ތެރޭގައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ގިނަ ބަޔަކު ނުތިބޭނެ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް އެ ފިކުރުގެ މީހުން ތިބުން އެެކަށީގެންވާ ކަމަށެވެ.
"އެމްޑީޕީގެ ތެރޭގައި އެ ވިދާޅުވާ ގޮތަށް ހަރުކަށި ފިކުރު އެވަރަށް އޮތް ކަމަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރުތައް ތާއީދު ކުރާ ބަޔަކު ތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް މޭ ހައެއްގައި ދިން ހަމަލާގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު ކަމަށްވާ އިރު، ހަރުކަށި ފިކުރު ހުއްޓުވުމަށް މަޖިލީހަށް ވެއްދި ނަފުރަތުގެ ބިލް އޮތް ގޮތަށް ފާސް ނުކޮށްފިނަމަ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ނަފުރަތުގެ ބިލަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތަށް އެ ބިލް ފާސް ކުރުމަށް ނޭދޭ ކަމަށެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއެކުގައި ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.