ޚަބަރު

ދަރިވަރުންތަކެއްގެ ފަރާތުން ފެނުނު ރީތި ނަމޫނާއަށް އެތައް ބައެއްގެ ތައުރީފު!

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ "މުޖުތަމައު ބާއްޖާވެރި ކުރުމަށްޓަކައި މުރައްބީންގެ ދައުރު"އެވެ. ހުތުބާގައި ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރާ ބަޔަކީ މައިންބަފައިން ކަމުގައި ބުނެފައިވެއެވެ. އަދި އެއަށްފަހު ޓީޗަރުން ނުވަތަ އެދުރުންގެ މަސްއޫލިއްޔަތުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެއެވެ.

އިސްލާމްދީން އުނގަންނައި ދިނުމަކީ މައިންބަފައިން އަދި ޓީޗަރުން ވެސް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމެކެވެ. އޭގެ އިތުރުން ކުދިންގެ އަހުލާގު ސްކޫލުގެ ތެރެއިން ހިފެހެއްޓުމަށް ކޮންމެ ޓީޗަރެއް ވެސް މަސައްކަތް ކުރަންޖެހޭނެއެވެ. ދަރިވަރުންގެ ފަރާތުން ގިނަ ފަހަރު ރީތި ނަމޫނާތަކެއް ފެންނަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއްގެ ފަރާތުން ރީތި ނަމޫނާއެއް ފެންނަ ފޮޓޯއެއް ދާދި ފަހުން ވަނީ އާންމުވެ، އެ ކުދިންނަށް ގިނަ ބަޔަކު ތައުރީފްކޮށްފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މީހަކު ނެގި އެ ފޮޓޯ ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައެވެ.

އެ ފޮޓޯއިން ދައްކުވައިދެނީ އަމީނިއްޔާ ސްކޫލުގެ ހަތަރު ދަރިވަރަކު އަސުރު ނަމާދަށް ކުރަން ހުންނަ މަންޒަރެވެ. އެ ކުދިން ނަމާދު ކުރަމުންދިޔައީ ކްލާސްރޫމެއްގެ ކުރިމަތީގައެވެ. ނަމާދުކުރުމަށް ހާއްސަ ތަނެއް އެ ސްކޫލުގައި ނެތީތޯ ބައެއް މީހުން ސުވާލު އުފެއްދި ނަމަވެސް، އެތައް ބަޔަކު ވަނީ އެކުދިންގެ ފަރާތުން ފެނުނު ރީތި ނަމޫނާއަށް ތައުރީފުކޮށްފައެވެ.

މި މުޖުތަމައުން ފެންނަންވީ އެފަދަ ރީތި ނަމޫނާތަކެވެ. ދީނަށް ހާއްސަ އިސްކަމެއްދޭ ކުދިންތަކެއް ތަރުބިއްޔަތު ކުރުމަށް މައިންބަފައިންނާއި ޓީޗަރުން އެކުގައި މަސައްކަތް ކުރަންޖެހެއެވެ.