ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ކޯޓު ކްލިއަރެންސަށް މިއަދު ފޮނުވައި މި ހަފުތާގައި އިލެކްޝަނަށް ހުށަހަޅަނީ

އަހުމަދު ޖައިޝަން

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލީ ކެންޑިޑޭޓުންގެ ފޯމުތައް މިއަދު ކޯޓު ކްލިއަރެންސަށް ފޮނުވަން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ، ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝާން ލަތީފް ވިދާޅުވީ އިންތިހާބުގެ ކެމްޕެއިންގެ ދަށުން މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ ފޯމުތައް ކޯޓު ކްލިއަރެންސަށް ފޮނުވުމުގެ މަސައްކަތް ކަމަށެވެ.

"ކޯޓު ކްލިއަރެންސް އާއި އެހެނިހެން މަރުހަލާތައް ނިންމުމަށްފަހު އަޅުގަނޑުމެން ގަސްދު މިކުރަނީ އިރާދަކުރެއްވިއްޔާ މި ހަފްތާގެ ފަހުކޮޅު އިލެކްޝަންސް ކޮމިޝަނަށް ހުރިހާ ކެނޑިޑޭޓުންގެ ފޯމުތައް ސަބްމިޓްކުރަން،" އަފްޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯޓު ކްލިއަރެންސްގެ މަސައްކަތް ތިން ވަރަކަށް ދުވަހުގެތެރޭ ނިމޭނެ ކަމަށެވެ.

ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމުގެ މަސައްކަތަކީވެސް ވަރަށް ކުލަގަދަކޮށް ކުރާނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ލޯންޗުކޮށްފައެވެ. އެކަމާ ގުޅިގެން މި ހަފްތާގެ ބުރާސްފަތި ދުވަހު ހާއްސަ ޕޯސްޓަރު މުބާރާތެއް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އަފްޝާން ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި 86 ދާއިރާއަށް ކެންޑިޑޭޓުން ކުރިމަތިމަތިލައެވެ.