ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރަން ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު 23 ރަށެއްގެ ރަށު ކައުންސިލްތަކަށް އެސްޖީން ކުރިމަތިލާފައި ނުވާ ކަމަށް ސިވިސް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ސީއެސްސީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ ސައީދު 'ވަން' އަށް މިއަދު ވިދާޅުވީ، ކައުންސިލްތަކުގެ އެސްޖީން ހޯދުމަށް އިއުލާނު ކުރުމުން ހުރިހާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް މީހުން ކުރިމަތިލި ކަމަށާއި އެހެން ނަމަވެސް 23 ރަށެއްގެ ރަށު ކައުންސިލްތަކަށް މީހުން ކުރިމަތިލާފައި ނުވާ ކަމަށެވެ. އަދި އެ ރަށްތަކަށް އެސްޖީން ހޯދުމަށް މި މަހު އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލްތަކަށް އެސްޖީން ހޯދުމަށް އިއުލާނު ކުރުމުން ޖުމުލަ 511 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަ ނުވާ 155 އެޕްލިކޭޝަން ބާތިލު ކޮށްފައިވާއިރު، އެޕްލިކޭޝަން ނެތް ކައުންސިލްތަކަށް މި މަހު އިއުލާނު ކުރާނެ ކަމަށް ސިއެސްސީން ވަނީ ބުނެފަ އެވެ. އެއް ކައުންސިލަކަށް އެންމެ ގިނަ މީހުން އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށް ކަމަށް ވެސް ސީއެސްސީން ވަނީ ބުނެފަ އެވެ.
ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އިމްތިހާނު ކުރިއަށް ގެންގޮސް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ އިންޓަވިއު ކުރުމުގެ މަރުހަލާ އެވެ. އަދި އޭގެ ތެރެއިން އެންމެ ގާބިލު މީހަކު ހޮވުމަށްފަހު އެ ނަންތައް ސީއެސްސީން ކައުންސިލްތަކާ ހިއްސާ ކުރާނެ އެވެ. ކައުންސިލްތަކަށް އެސްޖީން އައްޔަނު ކުރާނީ ކައުންސިލްތަކުގެ ލަފަޔާ އެކުގަ އެވެ.