ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ލަންކާއަށް ވަޑައިގެންފި

މުހައްމަދު އައުޒަމް

1

ބަންޑާރަނައިކަ އެއާޕޯޓުން: މުހައްމަދު އައުޒަމް

ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދާދި ދެންމެއަކު ލަންކާއަށް ވަޑައިގެންފި އެވެ.

‎ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސްރީލަންކާގެ ބަންޑާރަނަޔަކަ އެއާޕޯޓުން މަރުހަބާދެނެވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބލުންނަށް ލަންކާގެ އެއާފޯސްއިން ވަނީ އޮނަރގާޑެއް އަރުވައިފައެެވެ.

‎ރައީސުލް ޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ރައީސްގެ މިދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލު ކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރީންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް، މައިތިރިޕާލަ ސިރިސޭނާއާ ބައްދަލުކުރައްވާނެ އެވެ. އަދި ރާއްޖެ އާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ދެ ގައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތަކުގައި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ އިސްވެރީންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފުލާގެ އިތުރުން ސްރީލަންކާގެ ރައީސް ދެއްވާ ރަސްމީ ޖާފަތެއްވެސް އޮންނާނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟