އިބްރާހިމް ޒަކީ
އިސްލާމް ދީނާއި ގައުމުގެ އިސްތިގުލާލަށާއި އަދި ރައްޔިތުންގެ ގުރުބާނީ ތަކާއި، އުއްމީދުތައް ގެއްލިގެން ނުދާފަދަ ގޮތަކަށް ހަތަރު ލީޑަރުން ސަރުކާރު ދަމަހައްޓަން މަސައްކަތް ކޮށްދެއްވުމަށް މަޝްްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލިޔާސް ހުސެއިން އެދިވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް، ގިނަ މަސައްކަތްތަކެއް ކުރެއްވި ޝެއިޚް އިލިޔާސް މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ސަރުކާރު ހިންގާ ކޯލީޝަނުގެ ތެރޭގައި މައްސަލަ އުފެދި، ބައެއް ލީޑަރުންގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދި ހަތަރު ލީޑަރުންގެ ބައްދަލުވުންތައްވެސް ދިގު ދެމިފައި ވަނިކޮށެވެ.
ޝައިޚް އިލިޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ވަގުތަކީ ޒާތީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ވަގުތެއް ކަމަށެވެ.
"އިސްލާމް ދީނާއި ގައުމުގެ އިސްތިގުލާލަށާއި އަދި ރައްޔިތުންގެ ގުރުބާނީ ތަކާއި، އުއްމީދުތައް ގެއްލިގެން ނުދާފަދަ ގޮތަކަށް ހަތަރު ލީޑަރުން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަންޖެހޭ، މި ވަގުތަކީ ޒާތީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ވަގުތެއްކަންވެސް ހަނދުމަކޮށްދެން،" ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.