ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުގައި ޑްރޯން އަރުވައިގެން ވީޑިއޯ ކުރި ކަމުގެ ތުހުމަތުގައި ހަތަރު ދިވެހީން އެގައުމުން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ކަޓާނާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ ޑެއިލީ މިރޯއިން ބުނެފައިވަނީ ހުއްދައަކާ ނުލައި ޑްރޯން އެރުވި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ 08:00ހާއިރު ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 23 އަހަރުގެ ޒުވާނުން ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އޭގެތެރޭގައި ދިވެހި އަންހެނެއްވެސް ހިމެނޭ ކަމަށް ޑެއިލީ މިރޯއިން ބުނެއެވެ.
އެ ނޫހުން ބުނާގޮތުގައި މިއަދުގެ ވަގުތެއްގައި އެ ހަތަރު ޒުވާނުން މުއްދަތު ޖެހުމަށް ލަންކާގެ ނެގޮންބޯ ކޯޓަށް ހާޒިރުކުރާނެ އެވެ.