ޚަބަރު

އެމްޑީޕީގައި ރައީސް ސޯލިހުގެ ބާރު އަންދާޒާކުރާ ވަރަށްވުރެ މާގަދަ، ނަޝީދަށް ދެން މެޖޯރިޓީއެއް ނުލިބޭނެ: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެން އެމްޑީޕީގެ މެޖޯރިޓީއެއް ނުލިބޭނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މިހާރު އެމްޑީޕީގައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މެޖޯރިޓީ ކަމަށެވެ.

"ރައީސް ނަޝީދުގެ މެޖޯރިޓީއެއް ނެތް އެމްޑީޕީއަކު. ދެން ނުވެސް އޮންނާނެ މެޖޯރިޓީއެއް. ނުވެސް ގެނެވޭނެ މެޖޯރިޓީއެއް،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އަންދާޒާ ކުރާ ވަރަށްވުރެ އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހުގެ ބާރު ވަރުގަދަ ކަމަށާއި ރައީސް ސޯލިހު އަތުގައި އެމްޑީޕީ ގައުމީ މަޖިލީހާއި އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕު އަދި ގައުމީ ހިންގާ ކޮމެޓީގެ ފުރިހަމަ މެޖޯރިޓީ ވެސް އެބައޮތް ކަމަށެވެ. އަދި ޕާޓީ ހަލާކުވެ ފުނޑުފުނޑުވެގެންދަނީ ރައީސް ނަޝީދަށް ތާއީދުކުރާ މަދު ބައެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.

"އަންދާޒާކުރާ ވަރަށް ވުރެ ރައީސް ސޯލިހުގެ ބާރުވެސް އެމްޑީޕީގެ ތެރޭގައި ވަރުގަދަ. އެހެން ވަރުގަދަވާނެ ސަބަބުތަކެއް ވެސް އެބަހުރި. ރައީސް ސޯލިހަކީ ޕާޓީ އުފެއްދި އެކަކު. ޕާޓީއަށްޓަކައި ވަގުތު ދެއްވައި، ގުރުބާން ވީ އެކަކު. ހަމައެއާއެކު ރައީސް ސޯލިހުގެ ފަހަތުގައި އެބައޮތް ވަރަށް ބޮޑު ޓީމެއް. އަނެއްކޮޅުން ސަރުކާރު އެއޮތީ ރައީސް ސޯލިހުގެ އަތުގައި. ސަރުކާރުގެ މަގާމުތަކާއި ސިޔާސީ މަގާމުތަކާ އެކި ކަންކަމުގައި އެބަތިބި،" އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ހިޔާލުތަފާތުވުންތަކުގެ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ފެންނަމުންދަނީ ދުވަހަކު ވެސް އެމްޑީޕީ ތެރެއިން ފެނިދާނެ ކަމަށް ގަބޫލު ނުކުރި ކަންތައްތަކެއް ކަމަށާއި ނަމަވެސް މި ދުވަސް އަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީ އުފެއްދި ކިތަންމެ ބަޔަކު ރައީސް ނަޝީދުގެ ހިޔާލުތަފާތުވުމާ ގުޅިގެން ޕާޓީން ވަކިވެ ދާން ޖެހުނުކަން ވެސް މޫސަ ފާހަގަކުރެއްވިއެވެ.