ރިޔާސީ ދައުރަކަށް ފަސް އަހަރު ގިނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށް ތާއީދުކުރައްވާ ކަމަށް އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
އިބުރާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީގެ ޑްރާފްޓިން ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބުރާ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރު ކަމަށް ކަނޑައަޅަން ގާނޫނު އަސާސީ ލިޔުނު އިރުއޭނާ ހުށަހެޅުއްވި ކަމަށެވެ.
"ގާނޫނު އަސާސީ ލިޔުނު އިރު އަހުރެން ހުށަހެޅިން ހަތަރެއް ކަމަށް. އަދި އެއް ދައުރު ކަމަށް. ތާއީދެއް ނުލިބުނު." އިބުރާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމެޓީން ތާއީދު ނުލިބުމުން ތަޅުމަށް ވެސް ހުށަހެޅުއްވި ކަމަށެވެ.
އިބުރާގެ ޓުވީޓަށް ކޮމެންޓުކުރި މީހަކު ވަނީ، ހަތަރު އަހަރުން އެއް އަހަރު ރިޔާސީ އިންތިޚާބާއި ތިން އަހަރުން އެއް އަހަރު ކައުންސިލް އިންތިޚާބާއި ފަސް އަހަރުން އެއް އަހަރު މަޖިލިސް އިންތިޚާބު ބޭއްވުމަކީ ދައުލަތަށް އުފުލޭ ވަރަށްވުރެ ޚަރަދު ބޮޑު ބުރައެއް ނޫންތޯ ސުވާލުކޮށްފަ އެވެ.
އެއަށް ޖަވާބުދެއްވަމުން އިބުރާ ވިދާޅުވީ ގިނަދުވަހު އެމީހުން މަގާމުގައި ތިބީމަ އުފުލަން ޖެހޭ ބުރަ މާބޮޑު ކަމަށާއި އިންތިޚާބު ތަކުގެ ޚަރަދު ބޮޑުވަނީ އެކަން ކުރާ ގޮތުންނާއި އުސޫލުން ބޭރުން ކަންކަން ކުރާތީ ކަމަށެވެ.
"ލާމަރުކަޒީކޮށް އިންތިޚާބު ބޭއްވީމަ އެތައް ގުނައެއް ޚަރަދު ކުޑަވާނެ. މަޖިލިސް ވެސް ހަތަރު އަހަރު. ދޭތި އެކުގައި." އިބުރާ ވިދާޅުވި އެވެ.