ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެގައުމަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.
ސްރީލަންކާގެ މިނިވަން ދުވަހަކީ ހަތަރެއް ފެބްރުއަރީ 1948 އެވެ.
މިއަދު ހެނދުނު ރައީސް ސޯލިހު ލަންކާއަށް ފުރާވަޑައިގެންފައިވަނީ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައެވެ.
ރައީސް އޮފީހުން ބުނީ ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސް ސޯލިހުގެ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހީންނާ ރައީސް ސޯލިހު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހެވެ.