އެމްޕީ ރޮޒެއިނާ އާދަމް

އެމްޑީޕީން މަޖިލީހަށް ގިނަ އަންހެން ކެންޑިޑޭޓުން ނުނެރެވުނީ ޕާޓީގެ އަންހެނުންގެ ގޮފި ފެއިލްވުމުން: ރޮޒޭނާ

މި ފަހަރުގެ ރައްޔިތުންގެ މަޖިީހަށް އެމްޑީޕީން ގިނަ އަންހެން ކެންޑިޑޭޓުން ނުނެރެވުނީ ޕާޓީގެ އަންހެނުންގެ ގޮފި ފެއިލްވެފައި އޮތުމުގެ ސަބަބުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ މިހެން ވިދާޅުވީ އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ.

އައްޑޫ މީދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި މި ފަހަރު ވެސް އެދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު، ރޮޒޭނާ ވިދާޅުވީ، މަޖިލިސް އިންތިޚާބަށް އެމްޑީޕީން އިތުރު އަންހެން ބޭފުޅުން ނުނެރެވުމުން އެކަމާ މާޔޫސްވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އެކަން ދިމާވާން ޖެހުނު މައިގަނޑު އެއް ސަބަބަކީ ފާއިތުވި ފަސް އަހަރު ދުވަސް ތެރޭ އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ފަރާތުން ކަމަށް ގާބިލު އަންހެން ބޭފުޅުން އުފެއްދިފައި ނެތުން ކަމަށެވެ.

"އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ކަންކަން އިސްލާހުކުރަން ޖެހޭ. އަދި ޓާގެޓު ތަކާއި ގޯލުތަކެއް ކަނޑައަޅަން ޖެހޭ." އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ރޮޒޭނާ އޭނާގެ ޓުވީޓުގައި ވިދާޅުވި އެވެ.