އެމިރޭޓްސްގެ ފްލައިޓް އެޓެންޑަންޓަކު ބުރުޖް ހަލީފާގެ އެންމެ އުހަށް އަރައިފިއެވެ.
އިނގިރޭސިވިލާތުން ޔޫއޭއީއަށް ދަތުރުކުރުން ރައްކާތެރިކަމަށް ކަނޑައަޅާ އޭމްބާ ލިސްޓަށް އެރުމުން އެމިރޭޓްސް އިން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން ވީޑިއޯ އިޝްތިހާރެއް ނެރެފައެވެ.
އެމިރޭޓްސްގެ ވީޑިއޯގައި އިނގިރޭސި ވިލާތުން ދަތުރުފަތުރުކުރުން ރައްކާތެރި މަންޒިލުތަކުގެ ތެރޭގައި ޔޫއޭއީ އޭމްބާ ލިސްޓަށް ބަދަލުކުރުމުން އުފަލުން ދުނިޔޭގެ އެންމެ އުހަށް އަރާފައިވާ ކަމަށް ބުނެދެއެވެ. އެގޮތުން ''އޮން ޓޮޕް އޮފް ދަ ވޯލްޑް'' ސިފަކޮށްދިނުމަށް އެޓެންޑަންޓަކު ބުރުޖް ހަލީފާގެ އެންމެ އުހުގައި ބޯޑުތަކުގެ އެހީގައި އެކަން ހާމަކޮށްދެއެވެ.
ފްލައިޓް އެޓެންޑެއްޓެއް ރަމްޒުވާ ގޮތަށް ޔުނިފޯމުގައި އަންހެނަކު ބުރުޖް ހަލީފާގެ އެންމެ އުހުގައި ހުރިނަމަވެސް އެއީ ހަގީގަތުގައި ފްލައިޓް އެޓެންޑަންޓެއް ނޫނެވެ. ފްލައިޓް އެޓެންޑަންޓެއްގެ ޔުނިފޯމުގައި އެކަން ކޮށްދީފައިވަނީ ސްޓަންޓް އާޓިސްޓެއް ކަމަށްވާ ނިކޯލް ސްމިތު ލުޑްވިކް ކިޔާ މީހެކެވެ.
އެއީ އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ އާދަޔާ ހިލާފު ތަފާތު ސްޓަންޓު ކަމަށް ނިކޯލްގެ އިންސްޓަގުރާމް ޕޯސްޓެއްގައި ބުނެފައިވެއެވެ. އަދި އެމިރޭޓްސް އިން އޭނާއަށް އެ ފުރުސަތު ދިން ކަމަށް ޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.
މިހާރު ވައިރަލް ވެފައިވާ މި ވީޑިއޯ އުފެއްދި ފަރާތުން ބުނެފައިވަނީ މިވީޑިއޯ ކުޅުމަށް ނިކޯލް ބުރުޖް ހަލީފާގެ އެންމެ އުހުގައި އެތައް އިރަކު ހުންނަން ޖެހުނު ކަމަށާއި އެއީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.