ޚަބަރު

ޔާމީން ސަރުކާރުގެ އެމްޓީސީސީގެ އެމްޑީ ޒިޔަތު ރައީސް މައުމޫނުގެ ސަޕޯޓާ އެކު ހެންވޭރު އުތުރު ދާއިރާއަށް

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްޓީސީގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހީމް ޒިޔަތު، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ޒިޔަތު އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާނުކުރައްވައި އޭނާ ވަނީ ރޭގެ ވަގުތެއްގައި ޓުވީޓެއް ކުރައްވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ 2019ގެ އިންތިޚާބުގައި އަޅުގަނޑުގެ ދާއިރާ، (ހެންވޭރު އުތުރު ދާއިރާ)އަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ﷲގެ ވާގިފުޅާ އެކު ކުރިމަތިލުމަށް ގަސްދުކޮށްފިން." ކުރީގެ ރައީސް، ރައީސް މައުމޫނު ޓެގް ކުރައްވައި ޒިޔަތު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ޒިޔަތުގެ އެ ޓުވީޓާ ގުޅިގެން ރައީސް މައުމޫނު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެ، ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން ޓުވީޓު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި އެމަނިކުފާނާއި ރައީސް މައުމޫނުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔަ އިރު ވެސް އެމްޓީސީސީގެ އެމްޑީ އަދި ސީއީއޯ އަކީ އިބްރާހީމް ޒިޔަތު އެވެ.