މާލޭގެ އެކި ސަރަހައްދުތަކުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ މަގުތައް އާއްމުންނަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއަށް އަންގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން އެންގީ އެ ދެ ކުންފުންޏަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ދޭތެރޭ އޮންނަ
ކަށިމާ ހިނގުން (ބްލޮކް ނަންބަރު 349) އާއި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާއާ ދޭތެރޭ ހުޅަނގުން އިރަށް
އޮންނަ ފެންމީރު ހިނގުން (ބްލޮކް ނަންބަރު 348.347) އާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައެވެ.
އެމްޑަބްލިޔުއެސްސީގެ ފަރާތުން ވަނީ އެމްޑަބްލިޔުއެސްސީ ކޮއްޓާއި އާ ސަހަރާ ކޮއްޓާ ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު (ބްލޮކް ނަންބަރު 380,377,376) ބަންދުކޮށްފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީީ މިގޮތަށް ހުންނަ މަގުތައް ބަންދުކުރުމުން ރައްޔިތުންނަށް އެކަމުގެ ތަކުލީފުތައް ލިބެމުންދާ ކަމަށެވެ. މަގުތައް ހުޅުވާލުމަށް ސިޓީ ކައުންސިލުން އެ ދެ ކުންފުންޏަށް ދީފައިވަނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތެވެ.
މާލޭގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވާލުމާއި ވިންދުކުރުމަކީ ލާމަރުކަޒީ ގާނުނުން ސިޓީ ކައުންސިލަށް ލިބިދޭ ބާރެކެވެ.