ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަގާމަށް ޑރ. އަޝްރަފު އަބްދުއްރަހީމް ހޮވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހިބަހުގެ އެކެޑަމީގައި ހިމެނޭ މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރު މިއަދު ހަމަވުމާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ރައީސް މިއަދު ދިވެހިބަހުގެ އެކެޑަމީއަށް އައްޔަންކުރެއްވި ތިން މެންބަރުންނަކީ ޑރ. އަޝްރަފް އަބްދުއްރަހީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ. ޑައިމަންޑްވެލީ މުހައްމަދު ޝާހިދު ހަލީމެވެ. މި ތިން ބޭފުޅުންގެ ތެރެއިން މުހައްމަދު ޝާހިދު ހަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.
އެކެޑަމީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަގާމަށް ހޮވިފައިވަނީ ޑރ. އަޝްރަފް އަބްދުއްރަހީމެވެ. އަދި އެކެޑަމީގެ ނައިބަކަށް ހޮވާފައިވަނީ ޒުލްފާ އިބްރާހީމެވެ.
ޑރ. އަޝްރަފަކީ ސަން މީޑިއާ ގްރޫޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް މި ފަހުން އައްޔަން ކުރެއްވި ފަރާތެވެ.
ޑރ. އަޝްރަފަކީ މެލޭޝިއާގެ އޭޝިއާ އީ ޔުނިވާސިޓީ އިން ޑޮކްޓާ އޮފް ފިލޯސޮފީ (ބިޒްނަސް އެޑްމިނިސްޓްރޭޝަން) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. އަޝްރަފް ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް މެނޭޖްމަންޓާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ދިވެހި ބަހުގެ ޑިގުރީ ފުރިހަމަ ކުރައްވައިފައެވެ.
މީގެ އިތުރުން ޑރ. އަޝްރަފް ވަނީ ދިވެހި ބަހުގެ ލިޔުންތެރި ކަމަށާއި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެގޮތުން އޭނާއަށް ވަނީ ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.
ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން މިއަދު މެންބަރުކަމުގެ ދައުރު ހަމަވި ތިން ބޭފުޅުންނަކީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަޝްރަފް އަލީ އާއި ރާފިއާ އަބްދުލްގާދިރު އަދި މުހައްމަދު ޝާހިދު ހަލީމެވެ.