ޚަބަރު

އެމްއެންޑީއެފްގެ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ފަށައިފި

މަރިޔަމް ޝަހުދާ

ކުލަގަދަ ރަސްމިއްޔާތަކަށްފަހު ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް މިރޭ ފަށައިފިއެވެ.

އެމްއެންޑީއެފްގެ 16 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން މިރޭވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްގެންދަ މިމުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި 5 ޓީމް ވާދަކުރާއިރު ދެވަނަ ޑިވިޝަނުގައި 7 ޓީމް ވާދަކުރެއެވެ. މިގޮތުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޕްރެސިޑެންޝަލް ގާޑް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމްބައިން ޓީމް، ސްޕެޝަލް ފޯސަސް މާލޭ އޭރިއާގެ އިތުރުން ކޯސްޓްޑްގެ ޓީމެވެ.

ދެވަނަ ޑިވިޝަނުގައި ވާދަކުރަނީ ބޭންޑް އެންޑް މިއުޒިކް ވިންގާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފަންގެ ކުލަބުގެ ކޮމްބައިން ޓީމު، މިލިޓަރީ އިންޖިނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، މިލިޓަރީ ޕޮލިސް އަދި ސިފްކޯ ކޮމްބައިިން ޓީމް، ސިގްނަލް އަދި ސެނަހިޔަ އަދި ސަޕްލައި ސަޕޯޓް ސަރވިސްގެ ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.

މިމަހުގެ 24ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައެވެ. އެގޮތުން މުބާރާތް ފެށުމުގެ ގޮތުން މިރޭ ވަނީ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ސްޕެޝަލް ފޯސަސްގެ ޓީމާއި މާލޭ އޭރިއާގެ ޓީމުގެ ދެމދުގައި މެޗެއްކުޅެފައެވެ.

މިރޭގެ މި ރަސްމިއްޔާތުގައި ސިފައިންގޭގެ އިސް އެކި ބޭފުޅުންނާއި އެކި ރޭންކްތަކުގެ އޮފިޝަލުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.