ޚަބަރު

އެތައް ދިވެހިންނަށް ލަންކާ އަކީ އަމިއްލަ ވަޒަން ފަދަ ތަނެއް: ލަންކާގެ ރައީސް

މަރިޔަމް ޝަހުދާ

އެތައް ދިވެހިންނަށް ސްރީލަންކާ އަކީ އަމިއްލަ ވަޒަން ފަދަ ތަނެއް ކަމަށް ސްރީ ލަންކާގެ ރައީސް ރައީސް މައިތިރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެ އެވެ.

ރައީސް ސިރިސޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ސަފީރުކަމުގެ ފަތްކޮޅު ރައީސް ސިރިސޭނާއާ ހަވާލުކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. ޖެނުއަރީ 20ގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ބާއްވާފައިވަނީ އެދުވަހު ހެނދުނު ސްރީލަންކާގެ ޕްރެސިޑެންޓްސް ހައުސްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ މުނާސަބާގައި ރައީސް ސިރިސޭނާ އަބްދުއްރައްޒާގަށް ތަހުނިޔާ ދަންނަވައި ވާހަކަދައްކަވަމުން ވަނީ ރާއްޖެއާއި ލަންކާގެ ދެމެދުގައިވާ ދުވަސްވީ އެކުވެރިކަން ދަމަހައްޓައި ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މިއާއެކު ހާއްސަކޮށް އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖެއާއި ލަންކާގެ ގުޅުން ބަދަހި ކުރުން މުހިއްމުކަން ފާހަގަކޮށް އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް ސިރިސޭނާ ވަނީ ސަފީރުގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސް ސިރިސޭނާ ވަނީ ލަންކާ އަކީ ދިވެހިންނާ ގާތް ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަ ކުރައްވާ ލަންކާ އަކީ އެތަކެއް ދިވެހިން އަމިއްލަ ވަޒަންކަމަށް ދެކޭ ގައުމެއްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ސަފީރު އުމަރު އަބްދުއްރައްޒާގު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.