ފަށާ ތައުލީމުން ފެށިގެން ފުރަތަމަ ޑިގުރީއަށް ކިޔަވައިދިނުން ހިލޭ ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ކޯލިޝަނުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވަމުން އިބޫ ވިދާޅުވީ ރައްޔިތުން ކުރާ ޝަކުވާއަކީ ތައުލީމީ ނިޒާމުގެތެރެއިން ލިބެންޖެހޭ އިލްމާއި ތަރުބިއްޔަތު ދަރިވަރުންނަށް ނުލިބުން ކަމަށެވެ. އަދި ވިދާޅުވީ މުޅި ތައުލީމީ ނިޒާމު ސިޔާސީވެ ބޮއްސުންލައިގެން އޮޅުންބޮޅުން އަރައިގެން ގޮސްފައިވާ ކަމަށާއި، މިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
" އެދުރުގެ ހިންގަންވާނީ އެދުރުން. މަންހަޖު ކަނޑައަޅަންވާނީ ޓީޗަރުންނާއި މަޝްވަރާކޮށްގެން،" އިބޫ ވިދާޅުވި އެވެ.
" އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ސުކޫލުތައް ހިންގަންވާނީ އެއްދަންފަޅިއަށް. ހުރިހާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ވަށައިޖެހޭ ތައުލީމެއް ލިބިގެންދާނެ."
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ކުއްޖަކަށް ފަށާ ތައުލީމުންފެށިގެން ފުރަތަމަ ޑިގްރީ އާ ހަމައަށް ރާއްޖޭގައި ހިލޭ ތައުލީމް ހާސިލްކުރެވޭނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޒުވާން ވިޔަފާރިވެރިންގެ ފިކުރުތައް ހަގީގަތަކަށް ހައްދަވާނެ ކަމަށާއި، ޒުވާނުންނަކީ ހަމައެކަނި ފުޓްސެލްކުޅޭ ބައެއްކަމުގައި ނުހައްދަވާނެ ކަމަށެވެ.