އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ މާ ބޮޑަށް ނުރައްކާ އޮތް މީހުން ރާއްޖޭގައި އެބަތިބި ކަމަށް އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބުރާ މިހެން ވިދާޅުވީ، މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓުގައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާ ގޮތް ސަރުކާރުން އެންގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ ރުހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އާއިލާއާ ހަވާލާދީ ނޫސްތަކުން ހާމަކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ހަސަން ލަތީފު ވިދާޅުވެފައިވަނީ 241 ކޮމިޓީގެ ރެކޮމެންޑޭޝަނަށް އަމަލު ކުރަން ރާވާފައިވާ ގޮތް އެންގުމުން ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއް ނޫން ކަމަށެވެ.
އެގޮތަށް ބުނަން ޖެހުނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލު ކޮށްފައި ހުރި ގޮތުން ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އިބުރާ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ހަސަން ލަތީފު އެހެން ވިދާޅުވީ، އެ ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިގެންތޯ، ސުވާލު ކުރައްވައިފައެވެ. އަދި ރާއްޖޭގައި މަރުގެ ނުރައްކާ އޮތީ ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް އެކަނި ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށްވުރެ ބޮޑު ނުރައްކަލެއްގައި ތިބި މީހުންވެސް ރާއްޖޭގަައި ތިބި ނަމަވެސް މޮޓޯކޭޑާއި ބޮޑީގާޑުންނާ ނުލައި އެމީހުން އުޅެމުންދާ ކަމަަށްވެސް އިބުރާ ވިދާޅުވިއެވެ.
"ރާއްޖޭގައި މަރުގެ ތުރެޓު އޮތީ އަންނިއަށް އެކަންޏެއް ނޫން. އެއަށްވުރެ ބޮޑު ތުރެޓުގައި ތިބި މީހުން ވެސް އެބަތިބި. މިއޮތް އުޅެނީ މޮޓޯކޭޑާއި ބޮޑީގާޑުންނާއި ނުލައިވެސް،" އޭނާ ވިދާޅުވިއެވެ.
އެފަދަ ވާހަކަތައް ނުދައްކައި ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވިގެން އުޅުއްވާ އަސްލު ސަބަބު ހަސަން ލަތީފު ވިދާޅުވެދެއްވުން މާ ރަނގަޅު ވާނެ ކަމަށްވެސް އިބުރާ ވިދާޅުވިއެވެ.
ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.