ޚަބަރު

ރެސްޓޯރެންޓެއްގެ ފާރުވެއްޓި ސައިކަލްތަކަކަށް ގެއްލުން ވެއްޖެ

މުއާވިޔަތު އަންވަރު

މާލޭގެ ރެސްޓޯރެންޓެއްގެ ފާރު ވެއްޓި ސައިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:34 ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ، ގ. ބުރުނީގޭގައި ހުންނަ ސަލްސާ ތައި ރެސްޓޯރެންޓްގެ ގޯތި ތެރޭގައި ހުރި ގަހެއް، އެތަނުގެ ވަށާ ފާރާ އެކު މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ތަނުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެފަދަ ހާދިސާއެއް ހިނގާފައިވާއިރު، މާލެ ސަރަހައްދު ހިމެނޭ ގޮތަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރިފަ އެވެ.

މޫސުމާ ބެހޭ ގައުމީ މަރުކަޒުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ގަޑިއަކު 24 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.