ރިފާ ހަލީލު
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެއަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުން ދިން މައްސަލަ ބެލޭއިރު، މައުމޫނު ޖާބިރަށް ދިން "މާސިންގާ ބޮޑު ގެއްލުމުގެ މައްސަލަ" ނުބެލެންވީ ކީއްވެއްތޯ، ވިދާޅުވެ އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ސުވާލު ކުރައްވައިފި އެވެ.
ޖާބިރު ވަނީ އިއްޔެގެ ވަގުތެއްގައި ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އިހުތިޖާޖުކޮށް، އެގޭ ފާރު މައްޗަށް އަރާފައި އޮތް ވެޔޮގަނޑަކަށް ގެއްލުންދީފަ އެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު "ވަން" އަށް މިއަދު ވިދާޅުވީ ރިހާކުރު ފުޅީގެ އިންސާފުން މައްސަލަތައް ނުނިންމުމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫނަށް ލިބިވަޑައިގަންވާ ގެއްލުން ބެލޭއިރު، މައުމޫން ދޭ ބޮޑެތި ގެއްލުން ނުބެލޭ ގޮތް އޮތުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
ދިޔާނާ ވިދާޅުވީ ކިނބިގަސްދޮށުގެއަށް ޖާބިރު ދިން ގެއްލުންވެސް ބައްލަވަންޖެހޭނެ ކަމަށެވެ. ނަމަވެސް ގާނޫނު ކަނޑައަޅާފައި އޮންނަނީ އެންމެންގެ މައްޗަށް ކަމަށާއި އެހެންކަމުން މައުމޫނާ ދެކޮޅަށް ޖާބިރު ހުށަހެޅުއްވި މައްސަލަވެސް ބެލެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިތާނގަ މި އޮންނަނީ ރިހާކުރު ފުޅީގެ އިންސާފު. ރިހާކުރު ފުޅި ވަގަށް ނެގި މީހާ ބޮޑު ޖޫރިމަނާއެއްކޮށް ވަގުތުން ޖަލަށްލާން ހުކުމް ކުރޭ. އެކަމަކު އެމްއެމްޕީއާރްސީގެ ހިޔާނާތާއި އެހެނިހެން ހިޔާނާތުގައި ބައިވެރިވާ މީހުންނަށް މި ގައުމުގައި މިނވަންކަމާއެކު އަރާމުގަ އެބަ އުޅެވޭ. ޖާބިރު ކިނބިގަސްދޮށުގެއަށް ވަޑައިގެން ވެޔޮގަނދަށް ގެއްލުން ދިން މައްސަލަވެސް ބެލެންވާނެ. ބަލަންވެސް ޖެހޭނެ. އެކަމަކު ރިހާކުރުފުޅިގެ އިންސާފުން ނޫން ކަންކަން ނިންމަވަންޖެހޭނީ. ހަމަ ކަމާއެކު އެންމެނަށް އިންސާފު ލިބެންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި، ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވިދާޅުވެ، އެ ރުފިޔާ ހޯދަން ޖާބިރު ވަނީ ފުލުހަށާއި ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ. ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލުގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
ނަމަވެސް ޖާބިރުގެ ފަރާތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ، އެ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުންވެސް ވަނީ ނިންމައިފައެވެ. އަދި ފުލުހުންވެސް ވަނީ އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންގޮސްފައެވެ.
ދިޔާނާ ވިދާޅުވީ ރައީސް މައުމޫން ވިދާޅުވެގެން އެ ފައިސާ ހަވާލު ކޮށްދެއްވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާ ކަމަށާއި އެހެން ކަމުން ފާރިސް މައުމޫނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ ޖާބިރުގެ މައްސަލަ އެކަށީގެންވާ ހެކި ނެތިގެން ނުބަލަން ނިންމާފައިވީނަމަވެސް އޭނާ ފާރިސް އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައިގައި ބޮޑެތި ހެކިތައް ފުލހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އިތުރު ހެކި ބޭނުންވެއްޖެ ނަމަ އެ ހެއްކެއްވެސް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫނަކީ ސަރުކާރުގެ ކޯލިޝަނުގައި ހިއްސާވާ ބޭފުޅަކަށް ވީނަމަވެސް، އަދި އެމަނިކުފާނުގެ ބޭބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ނަމަވެސް، މީހަކު ޖިނާއީ މައްސަލައެއް ހުށަހަޅައިފިނަމަ ގާނޫނުގައި އެއޮންނަ މަގުން އެ މައްސަލަ ބެލެން ޖެހޭނެ ކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ.
ޖާބިރު އެ ވިދާޅުވާ ފައިސާ އަކީ މައުމޫނަށް ލިބިވަޑައިގެންނެވި ފައިސާކަމާއި، އެއީ މައުމޫން ނެންގެވި ފައިސާކަން ސަރުކާރުގެ ބޮޑެތި މގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ހުރިހާ ސިޔާސީ ވެރިންނަށް އެނގިވަޑައިގަންވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދިޔާނާ ވިދާޅުވީ މަކަރާއި ހީލަތް ކޮންމެ މީހަކަށްވެސް ހެދިދާނެ ކަމަށާއި ނަމަވެސް މަކަރާއި ހީލަތް ހެދުމަކީ ގޯހެއް ކަމަށެވެ. ޖާބިރަށްވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އިންސާފާމެދު މާޔޫސްވެގެން، ސަރުކާރުގެ އިންސާފު ގާއިމު ކުރާ މުއައްސަސާތަކާމެދު މާޔޫސްވެގެން އިންސާފު ކަނޑައަޅާން އަމިއްލަ އަތްމައްޗަށް ކަންކަން ނަގައިގެން މީހުން ހިނގައިގަންނަ ހިސާބަށް މައްސަލަތައް ގެންގޮސްގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.