ޚަބަރު

އަލީ ވަހީދުގެ ޝަރީއަތް ފަސްކޮށް މިމަހު 11 ގައި ބާއްވަން ތާވަލް ކޮށްފި

އިބްރާހިމް ޒަކީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ކުރިން ބާއްވަން އޮތް ތާރީހު ފަސް ވެފައިވާތީ އެމައްސަލައިގެ އަޑުއެހުމެއް މިމަހު 11 ގައި ބާއްވަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ މީޑީއާ އޮފިޝަލް އިޔާދު އިބްރާހިމް މުހައްމަދު "ވަން"އަށް ވިދާޅުވީ، އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކުރިން ތާވަލް ކޮށްފައި އޮތީ މިމަހުގެ ތިންވަނަ ދުވަހަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ މިމަހުގެ 11 ވަނަ ދުވަހުގެ 1:00 އަށް މިހާރު ރީ ޝެޑިއުލް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެެ މައްސަލަ އެ ދުވަހަށް ރީ ޝެޑިއުލް ކުރީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުރަތަމަ އިސްތިއުނާފް ކުރީ ހައިކޯޓުގައެވެ.

ނަމަވެސް އެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށްފަހު ޖުލައި އަށްވަނަ ދުވަހު އެ މައްސަލަ ހައިކޯޓުން ވަނީ ބޭރު ކޮށްލައިފައެވެ.

ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.

އެ މައްސަލަ ހައިކޯޓުން ބޭރު ކޮށްލުމުން ޕީޖީގެ ފަރާތުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުުގައި ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކުރިމިނަލް ކޯޓުގައި ވަނީ މީގެ ކުރިން ބާއްވައިފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.

ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގައި އެދުނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން ނިމިފައިނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ވެސް ހުށަހަލައިފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެ އަޑުއެހުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދު ބައިވެރިވެފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެގެން ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރި ވެފައި ވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒުކުރާކަމަށްވެސް ބުނެފައިެވެއެވެ.

ޕީޖީ އޮފީހުން ބުނީ، ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން އިއުތިރާޒު ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެކަމަކީ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ ލަފާގެ މަތިން ގޮތެއް ކަނޑައަޅާފައިވާ ކަމަކަށްވާތީ އެކަމަށް ބަހުސް ނުކުރެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފައެވެ.