ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ވާދަވެރި މަޖިލިސް އިންތިޚާބަށް ވާނެ އެވެ. އެންމެ ގިނަ ކެންޑިޑޭން މަޖިލީހަށް ކުރިމަތިލާ އިންތިޚާބަށް ވެސް ވާނެ އެވެ. ކެންޑިޑޭޓުން ހޮވުމަށް ޓަކައި އެންމެ ގިނަ "ސްޓްރެޓެޖީސް" ގެންގުޅޭނެ ފަހަރަށް ވެސް މި ފަހަރުގެ މަޖިލިސް އިންތިޚާބު ވާނެ އެވެ. އަދި މިހައިތަނަށް އެންމެ ގިނަ ހައިސިއްޔަތުން ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބަށް ވެސް ވެގެން ދާނީ މި ފަަހަރުގެ މަޖިލިސް އިންތިޚާބެވެ.
ސިޔާސީ ޕާޓީތަކުގެ ލީޑަރުން ރަސްމީ ހައިސިއްޔަތުންނާއި ނުރަސްމީ ހައިސިއްޔަތުންނާއި ފޮރުވި ތިއްބަވައިގެން އެކި ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ އިރު، މި ފަހަރުގެ މަޖިލިސް އިންތިޚާބު ވެގެން ދާނީ އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ގިނަ އުކުޅުތައް ވެސް ބޭނުންކުރާން ޖެހޭނެ އިންތިޚާބަށެވެ.
ރާއްޖޭގައި އާންމުކޮށް ބާއްވަމުން އަންނަ އެންމެ ބޮޑު ތިން އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ހޯދަން މަސައްކަތް ކުރާން ޖެހޭ ގޮތް ވެސް ތަފާތެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީ ފިކުރަށާއި އާއިލާއަށް ވޯޓު ބެހިގެންދާއިރު، ރިޔާސީ އިންތިޚާބުގައި ވޯޓު ލިބުމުގައި އެންމެ މުހިންމު ދައުރެއް ކުޅެނީ ކުރިމަތިލާ މީހާ އާއި ސިޔާސީ ފިކުރެވެ. މަޖިލިސް އިންތިޚާބުގައި ވޯޓު ލިބުމަށް އެންމެ މުހިންމު ދައުރެއް ކުޅެނީ ސިޔާސީ ފިކުރާއި ކުރިމަތިލާ މީހާ އާއި ވޯޓުދޭން ތިބި މީހުންނާ އޮންނަ ގާތް ގުޅުމެވެ. ވޯޓުދޭން ތިބި މީހުންނާ ކެންޑިޑޭޓާ ދެމެދު އޮންނަ އިތުބާރާއި ޔަގީންކަމެވެ. އެ ދެމެދުގައި ބަހުގެ އިތުބާރު ހިފެހެއްޓިފައި އޮތް މިންވަރެވެ. މަޖިލިސް އިންތިޚާބަށް އަލަށް އަންނަ މީހުނަށް ވުރެ ގޮނޑި މިހާރު ވެސް ފުރަމުން އަންނަ މީހުންނަށް މި ބައިން ކުރިމަތި ކުރުވާ ޗަލެންޖު ބޮޑު ވާނެއެވެ.
މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން އެކި ފޯމިޔުލާ ބޭނުންކޮށްގެން ކެމްޕޭން ކުރަމުން އަންނަ އިރު، ކެމްޕޭން ކާމިޔާބުކޮށް ގޮނޑިއާ ހަމަޔަށް އައުމަށް ބޭނުންވާ އެންމެ މުހިންމު ދެކަންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ އެ ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީ ކެންޑިޑޭޓުންގެ މަޖިލިސް ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު އެ ވިދާޅުވި ވާހަކަފުޅަކީ ތަޖުރިބާގެ އަލީގައި ފިސާރި އެނގިވަޑައިގެން ވިދާޅުވި ވާހަކަފުޅެކެވެ. މަޖިލީހަށް ފަސް ދައުރު ހޮވިވަޑައިގެން، 25 އަހަރު ގޮނޑީގައި އިންނެވި އިރު، މަޖިލިސް ކެމްޕޭނުގައި އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާނެ ސިޔާސަތެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ރައީސް ސޯލިހު ވަނީ ވަރަށް މުހިންމު ދެ ކަމެއް ފާހަގަކުރައްވައިފަ އެވެ. އެ ދެކަމަކީ މަޖިލީހަށް ހޮވެން ބޭނުން ނަމަ ކޮންމެހެން ފުރިހަމަވާން ޖެހޭ ދެކަމެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަކުރެެއްވި އެވެ. އެއް ކަމަކީ ރައްޔިތުންގެ ކައިރިޔަށް ދިއުމެވެ. ދެވަނަ ކަމަކީ ތެދު ބަހުން ވާހަކަދެއްކުމެވެ.
އެއްވެސް ޝައްކެއް ނެތެވެ. ރައީސް ސޯލިހު އެ ފާހަގަކުރެއްވި ދެ ކަމަކީ ކެންޑިޑޭޓުން މަޖިލިސް ކެމްޕޭނުގައި ވޯޓު ހޯދަން ދާއިރު އެންމެ ބޮޑަށް ކުރިމަތިވާނެ ދެ މައްސަލަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ، ދާއިރާގެ މެންބަރު، ނުވަތަ ދާއިރާއަށް ވާދަކުރާ މީހާއަކީ އެމީހުން ގާތަށް ނުދާ މީހަކަށް ވުމުގެ މައްސަލަ އެވެ. ލޮލަށް ނުފެންނަ މީހަކަށް ވުމުގެ މައްސަލަ އެވެ. މޫސުމީ މީހަކަށް ވުމުގެ މައްސަލަ އެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ފެންނަ މީހަކަށް ވުމުގެ މައްސަލަ އެވެ. އިންތިޚާބުގެ ކުރީން އެމީހާ އުޅުނު ތަނެއް ނޭނގޭ މައްސަލަ އެވެ.
ތެދު ބަހުން ވާހަކަދެއްކުމުގެ މައްސަލަ ރައީސް ސޯލިހު ފާހަގަކުރެއްވީ ސަބަބެއް ނެތި ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެންމެ މުހިންމު ސަބަބަކީ ރަނގަޅު މަޖިލިސް މެންބަރަކަށް ވެވޭނީ ރައްޔިތުންގެ އިތުބާރު އޮވެގެން ކަމަށް ވާތީ އެވެ. ބުނާ ބަހާއި އަމަލާ ދިމާވާން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާތީ އެވެ. އަދި އެއީ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތްކަން އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި އެނގިވަޑައިގަންނަވާތީ އެވެ.
ކަން އޮތީވެސް އެހެނެވެ. ވޯޓު ތެރޭގައި ފެނިފައި ދެން ނުފެން ނަމަ، ރައްޔިތުން އިތުބާރެއް ނުކުރާނެ އެވެ. ކޮންމެ މީހަކު ވެސް މަޖިލީހަށް އަންނަނީ ގުޅޭނެ ކަމަށާއި ބައްދަލުވާނެ ކަމަށާއި ކަންކަން ފުއްދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ވައުދުވަމުންނެވެ.
އެކަމަކު ހޮވުމަށް ފަހު ފޯނަކުން ނުގުޅެ އެވެ. ބައްދަލެއް ނުވެ އެވެ. ރައްޔިތުން ދަތިވެގެން އެދޭ ކަންކަމުގައި އެދެވޭ ހައްލެއް ހޯދައިދިނުމަށް މަސައްކަތެއް ނުކުރެ އެވެ. ހޮވައިދިން ހައިސިއްޔަތު ހަނދާނެއް ނުހުރެ އެވެ. އަމިއްލަ ނަފުސަށް ދޮގު ހަދައެވެ. ރައްޔިތުންގެ ނަމުގައި ވެސް މަޖިލީހުގެ ތަޅުމުގައި އެތައް ދޮގެއް ހަދަ އެވެ. ރައްޔިތުން ތިމާ ހޮވައިދިން ހައިސިއްޔަތު އޮޅުވައިލަ އެވެ. ތިމާއަށް ނުފުއްދޭނެހާ ވައުދުތައް ވެއެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މީގެ ތެރެއިން ކޮންމެވެސް ސިފަތަކެއް އެ މެންބަރެއްގެ ފުށުގައި ނެތް މެންބަރަކު މިއަދުގެ މަޖިލީހުގައި ވެސް ނެތުމަކީ ރައީސް ސޯލިހު ރޭ އެ ދެއްކެވި ވާހަކައިން އިބުރަތް ހޯދަން ޖެހޭ އެންމެ މުހިންމު ސަބަބެވެ.
ރައީސް ސޯލިހަކީ އެމަނިކުފާނުގެ މަޖިލިސް ހަޔާތްޕުޅުގައި ދާއިރާގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް މެންބަރެކެވެ. ދާއިރާގެ ރައްޔިތުންގެ ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އެހެން ނޫން ނަމަ ފަސް ދައުރަށް މަޖިލީހަކަށް ހޮވިވަޑައެއް ނުގަންނަވާނެ އެވެ.
ދާއިރާގެ ރައްޔިތުންގެ އިތުރުން ރައީސް ސޯލިހަކީ، މަޖިލީހުގެ ތަޅުމުގައި ވެސް ހުރިހާ ފިކުރެެއްގެ މީހުން ބަަލަގަނެފައިވާ މެންބަރެކެވެ. އެއްކޮޅު ވިޔަސް ދެކޮޅު ވިޔަސް އަދި އެއްވެސް ކޮޅަކަށް ނުވިޔަސް، "މެންބަރު އިބޫ"އަކީ އެހެން ހުރިހައި މެންބަރުންގެ ލޯބި ހާސިލުކުރެއްވުމުގައި ކާމިޔާބީ ހޯއްދެވި ބޭފުޅެކެވެ. އެފަދަ ލޯތްބެއް މިފަދަ ތަހުޒީބީ ސިޔާސީ ދުވަސްވަރެއްގައި، މި ފަދަ ހަލަބޮލި ސިޔާސީ ވެށްޓެއްގައި ހޯއްދެވޭނީ ސިޔާސީ ގޮތުން ތަސައްރަފު ފުދިވަޑައިގެން ހުންނެވި، މޮޅު ލީޑަރަކަށް އެކަންޏެވެ. އެ ހަގީގަތް ގަބޫލުކުރާން ޖެހެ އެވެ.
އެހެން ކަމުން، ރައީސް ސޯލިހު، ރޭ އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާގެ ފޮތުން އެ ނަންގަވައިދެއްވި ފިލާވަލަކީ، މަޖިލިސް އިންތިޚާބަށް ނިކުންނަ ކޮންމެ ކެންޑިޑޭޓަކަށް ވެސް މުހިންމު ފިލާވަޅެކެވެ.
އެމަނިކުފާނު އެ ވިދާޅުވީ މިއަދުގެ ރައްޔިތުންގެ ބަހެވެ. ރައްޔިތުންނަށް އެންމެ މުހިންމީ އެމީހުންގެ ކައިރިޔަށް ގޮސް ހާލު ބަލާނެ މެންބަރެކެވެ. އެމީހުންނާ ތެދު ބަހުން ވާހަކަދައްކާނޭ މެންބަރެެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ.