ރިފާ ހަލީލު
ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައި ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.38 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމެނޭ ކަމަށް ފެންކުންފުނިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓައި، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށަވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.06 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 943 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށް ފެން ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 63,344,370.14 މިލިއަން ދިވެހި ރުފިޔާއަށް ޕްލޭނިންގް މިނިސްޓްރީން ފެން ކުންފުންޏައި ހަވާލު ކުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.