ޚަބަރު

ރައީސް މައުމޫނުގެ އެމްއާރުއެމުން ވެސް ޕީޕީއެމްއަށް ދިނީ ފުރަގަސް

މުއާވިޔަތު އަންވަރު

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އަށް ދައުވަތު ދިން ނަމަވެސް އެކަމަށް ފުރަގަސްދީ ސަރުކާރު ކޯލިޝަނާއެކު ދެކިތިބުމަށް އެ ޕާޓީން ނިންމައިފިއެވެ.

ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދާދި ފަހުން ފެށި "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ހަރަކާތާ ގުޅިވަޑައިގަތުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއެއްގެ ލީޑަރުންނަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ދައުވަތު ދެއްވައިފަ އެވެ.

އެކަމާ ގުޅިގެން ހުރިހާ ޕާޓީތަކަކުން ވެސް އެކަމާ ދެކޮޅުކަން ހާމަކޮށްފައިވާއިރު، ޕާޓީ ތެރޭގައި މަޝްވަރާ ކުރުމަށްފަހު އެމްއާރުއެމުން ވެސް ނިންމާފައިވަނީީ އިދިކޮޅާ ނުގުޅި ސަރުކާރު ކޯލިޝަނުގައި ތިބުމަށް ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަބްދުލް އަލީމް އާދަމް މިއަދު ވިދާޅުވި އެވެ.

"އެމްއާރުއެމް އަކީ މިހާރު އޮޮތް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް. އެހެންކަމުން އެމްއާރުއެމް މިހާރު އޮތް ކޯލިޝަން އިން ވަކިވެގެން ގައުމުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ޕީޕީއެމް/ޕީއެންސީ އަށް އަންގައިފިން،" އަލީމް ވިދާޅުވި އެވެ.

އިދިކޮޅާ ގުޅުމަށް ރައީސް މައުމޫނާއި ޝައިހް އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ)ގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ ކާނަލް ރިޓަޔާޑް މެންބަރު މުހައްމަދު ނާޒިމަށްވެސް އަދުރޭ ވަނީ ދައުވަތު އަރުވައިފައެވެ.