ޚަބަރު

ފޭކް ޕީސީއާރް ޓެސްޓް ނަތީޖާތަކުގެ މައްސަލަ ފުލުހުން ބަލަނީ

ރިފާ ހަލީލު

ދަތުރުކުރުމަށް ބޭނުންވާ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ފޭކް ޑޮކިއުމަންޓްތަކުގެ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފިއެވެ.

ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ލުޔާއެކު ރަށްރަށަށް ކަރަންޓީނާ ނުލައި ދެވޭގޮތް ވަނީ ހަދާފައެވެ. ނަމަވެސް 72 ގަޑި އިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އެއް އޮންނަންޖެހެއެވެ.

މިއާއެކު ކޮވިޑަށް ޓެސްޓު ނުކޮށް ނެގެޓިވް ނަތީޖާ ހޯދަމުންދާ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި ބައެއް ހޮސްޕިޓަލްތަކުންނާއި ކުލިނިކް ތަކުން މިފަދަ ޑޮކިއުމެންޓްތަކެއް ވިއްކަމުންދާ ކަމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓިއެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ މިފަދަ މައްސަލަތަކެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޕީސީއާރު ނެގެޓިވް ނަތީޖާގެ ފޭކް ޑޮކިއުމަންޓްތަކެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލަތައް ބަލަމުންދާ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލް ތަކުންނާއި އަމިއްލަ ފަރާތްތަކުން ހިނގާ ކުލިނިކުތަކުން ޕީސީއާރް ޓެސްޓު ނަހަދައި އޭގެ ނެގެޓިވް ނަތީޖާ ހިމެނޭ ޑޮކިއުމަންޓް ދޫކުރެ އެވެ. މިހާތަނަށް މިއިން އެއްވެސް ތަނަކަށް ފިޔަވަޅެއް އަޅާފަ އެއް ނުވެ އެވެ.

ތަސްލީމާ ވިދާޅުވީ މިފަދަ މައްސަލަތައް ހުށަހެޅި ނަމަވެސް މިއީ ސީދާ އެ ހޮސްޕިޓަލަކުން ނުވަތަ ކުލިނިކަކުން ދޭ ލިޔުމެެއް ކަމެއް ޔަގީން ނުވާ ކަމަށެވެ.

"ލިޔުން ދޫކޮށްފަ ހުރި ނަމަވެސް އަޅުގަނޑުމެންނަކަށް ޔަގީން ކުރެވޭކަށްނެތް މިއީ މިވެނި ހޮސްޕިޓަލަކުންނޭ މިވެނި ކުލިނިކަކުންނޭ ބުނާކަަށް. އެއީ އެމީހުންގެ ރަސްމީ ތަތްގަނޑެއް ނީނދޭ ޑޮކިއުމެންޓްގަ. ދެން އެމީހުންގެ ސިސްޓަމުން ފެންނާކަށްނެތް އެ ނަމުގަ މީހަކަށް ޑޮކިއުމެންޓެއް ދޫކުރި ކަމަށް," އޭނާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ މިހާތަނަށް އެފަދަ ފަރާތަތްކާމެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅާފައިނުވާ ކަމަށާއި އެފަދަ ލިޔުން ދޫކުރާ ކުލިނިކްތަކައި ހޮސްޕިޓަލަށް ފުޔަވަޅެއް އެޅޭނީ ތަހުގީގު ނިމި އެއީ އެތަނަކުން ދޫކުރި އެއްޗެއްކަން ޔަގީންވުމުން ކަމަށެވެ.

ފޭކް ޑޮކިއުންމަންޓް ހަދައިގެން ގިނަ ބަޔަކު ވަނީ ރާއްޖެއިން ބޭރަށާއި ރާއްޖޭގެ ރަށްތަކަށްވެސް ދަތުރުކޮށްފަ އެވެ.