ހިޔާ މަޝްރޫއު

ހިޔާ ފްލެޓްގެ ހުރިހާ ތަނަކަށް މިމަހު 17 ގައި ކަރަންޓް ލިބޭނެ: އެޗްޑީސީ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުް ގައްޔޫމުގެ ސަރުކާރުން، ހުޅުމާލެ ދެވަނަ ފޭހުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް މި އޯގަސްޓް މަހުގެ 17 ގެ ނިޔަލަށް ކަރަންޓާއި ފެން ދީ ނިމޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ވަން އޮންލައިން އަށް އެކަމާބެހޭ މައުލޫމާތު ދެއްވަމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ ހުރިހާ އިމާރާތްތަކުގައި ހިމެނޭ ހުރިހާ ފްލެޓަކަށް މިމަހު 17 ގެ ނިޔަލަށް ކަރަންޓު ދެވޭނެ ކަމަށެވެ. އަދި އެ ތާރީހަށް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.

"އޯގަސްޓް މަހުގެ 17 އަށް ހުރިހާ ތަނަކަށް ކަރަންޓް ގުޅަން ތައްޔާރުވެފައި ވަނީ، އެއަށް ބަދަލެއް ނާންނާނެ." އެ އިމާރާތްތަކަށް ކަރަންޓް ދިނުން ލަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ސުހެއިލް ވިދާޅުވިއެވެ.

ސުހެއިލް ވިދާޅުވީ ފްލެޓްތަކަށް ކަރަންޓްދީ ނިމޭ ތަނުން، ފްލެޓް ތަކުގެ ތަޅުދަނޑި ހަވާލު ކުރާ ފަރާތްތަކަށް، އެތަންތަނަށް ވަދެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6,720 ފުލެޓަށް ހޮވުނު ފަރާތްތަކަށް ދަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށައިފައެވެ.

ސުހެއިލު ވިދާޅުވީ، އެ ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިއަދުވެސް ބައެއް ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކޮށް ފްލެޓް ހަވާލު ކުރެވޭނެ ކަމަށްވެސް ސުހެއިލް ވިދާޅުވިއެވެ.

"ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުންވެސް ލަހެއް ނުވޭ، އެކަންތައްވެސް ކުރިއަށް އެބަދޭ، އެގޮތުން މިއަދުވެސް ބައެއް ފަރާތްތާއެކު ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރެވިގެންދާނެ،" ސުހެއިލް ވިދާޅުވިއެވެ.