އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލުތަކަށް ކުދިން ހާޒިރުކޮށްގެން ކަމަށާއި ކިޔަވައިދޭނީ ކޮވިޑުގެ ކުރިން ކަނޑައަޅާފައި އޮތް ވަގުތުތަކާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރުގެ ގިނަ ދުވަސްތަކުގައި ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އަދި ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިން އިރު، ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ މަދު ވަގުތުތަކަކަށް ބަހާލައިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސްކޫލުތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައިވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. އަދި ފުރަތަމަ ދެ ހަފުތާގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑުތަކަށް ތަފާތުކޮށް، ވީހާވެސް ތޮއްޖެހުން ކުޑަވާގޮތަކަށް އިންތިޒާމު ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ ސްކޫލުތަކަށް އިލްތިމާސް ކޮށްފައެވެ.
މިނިސްޓްރީން ބުނީ މި މަހުގެ ތެރޭގައި ރާއްޖެއިން ބޭރުން އައިސްފައިވާ ދަރިވަރުންނާއި މުވައްޒަފުން، ރާއްޖެ އެނބުރި އަންނަތާ ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި މި މަހުން ފެށިގެން މޮނީޓަރިންގެ ހާލަތުގައިވާ ރަށްރަށުން ދަތުރުކުރާ ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާންޖެހޭ ސްކޫލު ހުންނަ ރަށަށް އެނބުރި އަންނަތާ ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުމަށް ފުރުސަތު ދިނުމަށް އެދިފައެވެ. އަދި ނިއު ނޯމަލްގައި އަމަލުކުރި ގޮތަށް ދަރިވަރުން ސްކޫލަށް ވަންނައިރު މާސްކު އެޅުމާއި ހުން ބެލުމާއި އަތްދޮވުމާއި ސެނިޓައިޒްކުރުމާއި ޑިސްއިންފެކްޓްކުރުން ފަދަ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަވުމުން ނޫނީ ސްކޫލުގެ އިތުރު ހަރަކާތްތައް ފެށުމަށް ވަނީ އެދިފައެވެ. އަދި މުވައްޒަފުން ކޮވިޑުގެ ވެކްސިން ޑޯޒުތައް ފުރިހަމަކޮށްފައިވީ ނަމަވެސް، ސްކޫލުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ ފުރަތަމަ ދެ ހަފުތާގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު އެކި ގްރޭޑުތަކަށް ތަފާތުކޮށް އިންތިޒާމު ކުރުމާއި ސެޝަންގެ ދިގުމިނަށް ގެންނަންޖެހޭ ބަދަލުތައް ސްކޫލު އެޑްމިނިސްޓްރޭޝަން ޑިވިޝަނުގެ މަޝްވަރާއާއެކު ހަމަޖެއްސުމަށް އަންގައިފައެވެ.
ސްކޫލުތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލުތަކަށް ވަދެ ނުކުމެ ހެދުން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ މަނާކޮށްފައެވެ.