ޚަބަރު

އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދޭނެ ބަޔަކު ހޯދަނީ

އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކަނޑައަޅާފައިވާ އަށް ރަށަކީ، ހއ.އުލިގަމާއި، ގއ.ކަނޑުހުޅުދޫ އާއި ތ.ކިނބިދޫ އާއި ނ.ކެނދިކުޅުދޫ އާއި ށ.މަރޮއްޓާއި، ރ.ރަސްގަތީމާއި ބ.ހިތާދޫ ގެ އިތުރުން ތ.ވަންދޫ ކަމަށެވެ.

އެ އަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުުގެ އިތުރުން، ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި، ހދ.ނޮޅިވަރަމް އާއި ށ.ކަނޑިތީމާއި ރ.އަލިފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރާނެ ބަޔަކު ހޯދުމަށްވެސް އިއުލާން ކޮށްފަ އެވެ.

މީގެ އިތުރުން ށ. ފޯކައިދޫގައި ފެނުގެ ނިޒާމް ގާއިމް ކުރާނެ ފަރާތެއް ހޯދަންވެސް ވަނީ އިއުލުނާ ކޮށްފަބއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ވަނީ ބުނެފަ އެވެ.

އެ އިއުލާންގައި ބުނެފައިވާގޮތުގައި، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ދިވެހި ރުފިޔާއިން ނަމަ ފަނަރަސަތޭކަ ރުފިޔާ، އޫއެސްޑޮލަރުންނަމަ 100 ޑޮލަރުގެ، ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީންނެވެ.

މި މަސައްކަތްތަކާ ބެހޭ އެންމެހައި ލިޔެކިޔުންތައް މާދަމާއިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، މި މަސައްކަތްތަކަށް އެދި ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21ގައި ކަމަށެވެ.