މިއަދު ހެނދުނު ނ.އަތޮޅު މާފަރު ފަޅުތެރެއަށް ކަށިމަސް ހިފަން އެރި އުޅުނު މީހަކު، މަރުވެގެން ވެއްޓިއްޖެ އެވެ.
އިތުރު ބަޔަކާއެކު ކަށިމަސްހިފަން އެރި އުޅެނިކޮށް މަރުވެގެން ވެއްޓިފައިވަނީ، މާފަރު މީރާ 56 އަހަރުގެ އަލީ ރަޝީދެވެ.
މާފަރު ފެނަކައިގެ މެނޭޖަރު އަހުމަދު ހަބީބު ''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އަލީ ރަޝީދު މަރުވެގެން ވެއްޓުނީ މަސް ހިފަން އުޅުމަށްފަހު ދޯނިން ފައިބައިގެން ހިނގާފައި ރަށާ ދިމާލަށް ދަނިކޮށް ކަމަށެވެ.
އަދި ފަޅުތެރޭގެ އެސަރަހައްދަކީ ވަރަށް ތިލަ ސަރަހައްދެއް ކަމަށާއި ވެއްޓުމުން ކައިރީގައި ތިބި މީހުން އޭނާ ނެގިއިރުވެސް މަރުވެފައިވާކަމަށް ބެލެވޭ ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އަލީ ރަޝީދަކީ ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހެއް ކަމަށާއި ހުސްވި ހަފްތާގައިވެސް ޓެސްޓެއް ހެދުމަށް އޭނާ، މާލެ ދިޔަ ކަމަށެވެ.
އަލީ ރަޝީދަކީ މާފަރު ފެނަކައިގެ ލޭބަރެއްގެ ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
އަލީ ރަޝީދު މަރުވި އިރު ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިންގެ އިތުރުން އަނތްބަކުވެސް ދުނިޔޭގައި އެބައިން ކަމަށް ހަބީބު ވިދާޅުވިއެވެ.
ފުލުހުން ބުނީ މާފަރު ފަޅު ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު ނުވައެއްޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެއީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.