މާލޭސިޓީގެ މަގުމަތީގައި ހިނގައި ބިނގާވެ އުޅޭ މީހުންނަށާއި، ވެހިކަލް ދުއްވާ މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދުފަހަރު މާދަމާ ނަގަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓި ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭސިޓިގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ވެހިކަލް ދުއްވާ މީހުންނަށް އުނދަގޫވާނެހެން ބަހައްޓާއފައިވާ އެއްގަމު އުޅަނދުތަކާއި، އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަ ދުވަސް ވެފައިވާ އުޅަނދުފަހަރު ފުލުހުންނާއި އެ ކައުންސިލު ގުޅިގެން މާދަމާ ނަގަން ފަށާނެ ކަމަށެވެ.
އެހެން ކަމުން އެގޮތަށް ބަހައްޓާފައި ހުރި އުޅަނދުތައް އޭގެ ވެރިފަރާތުން ނަގައި މަގުމަތި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ. އަދި ވެހިކަލް ނުނަގައިފި ނަމަ، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގެ ދަށުން ވެހިކަލް ނައްތައިލާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ވެހިކަލް ނެގުމުގެ ތެރޭގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމަށާއި އުނިއިތުރަށް އެ ކައުންސިލުން ޒިންމާ ނުނަގާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.