ރިފާ ހަލީލު
ގއ. ވިލިނގިލި މޮނިޓަރިން އިން ނެގިތާ ހަފުތާއެއްވެސް ނުވަނީސް އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.
ވިލިނގިލީ ކައުންސިލް ނައިބު ރައީސާ އައިޝަތު ނަޒްދާ "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަލާމާތްތައް ފެނިގެން އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ނަޒްދާ ވިދާޅުވީ ޕޮޒިޓިވް ވި މީހާ އަކީ ކޫއްޑޫގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. ކޫއްޑޫ މޮނިޓަރިންގައި އޮތުމުން މީގެ ތިން ދުވަސް ކުރިން އޭނާ ވިލިނގިއްޔަށް ދިޔައީ ނެގެޓިވް ޕީސީއާރާ އެކީގައި ކަމަށެވެ. ނަމަވެސް އޭނާގެ ގައިން އަލާމާތްތައް ފެނި ރޭގެ ވަގުތެއްގައި ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"ކޫއްޑޫ މޮނިޓަރިންގަ އޮތީމަ ކޮންމެ ގޮތެއްވިޔަސް މިރަށަށް (ވިލިނގިއްޔަށް) އާދެވޭނީ ނެގެޓިވް ޕީސީއާރާއެކު. އެގޮތަށް އޭނަ އައީވެސް. އެކަމަކު އައިތާ ތިންދުވަސް މިވީ. އޭނަ ހުން އައިސް ރޯގާޖެހިގެން ފުލޫ ކުލިނިކަށް ގޮސް އަލުން ޓެސްޓު ކުރީ. ނަތީޖާ މިއަދު ލިބުނު އިރު ޕޮޒިޓިވް. އެހެންވެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އެ މަސައްކަތް ނިމެންދެން ވިލިނގިލި އޮތީ މޮނިޓަރިންގައި." އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން މިފަހުން ދިން ލުޔާއެކު އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މޮނިޓަރިންގައި އޮންނަ ރަށަކުން ކަރަންޓީނު ވުމަކާ ނުލައި އެހެން ރަށަކަށް ދެވޭނީ 72ގަޑި އިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓް ނަތީޖާއާއެކުގަ އެވެ.
ނަޒްދާ ވިދާޅުވީ ބަލި ޖެހުނު މީހާ ހުރީ ވެކްސިން ފުރިހަމަކޮށްފައި ކަމެއް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ވިލިނގިލި ދެމަސްދުވަސް ފަހުން މޮނިޓަރިން އިން ނަގާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.