ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގަންނާފައިވަނީ އެމްޑީޕީގެ ތިންވަނަ މެނިފެސްޓީ ތަންފީޒުކުރެއްވުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެޖެންޑާ 19 - މަޖިލިސް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީގެ ދެވަނަ ވެރިކަން ކަމަށެވެ.
"މިސަރުކާރު އުފެދުނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން. މިސަރުކާރުގެ މެނިފެސްޓޯ އަކީ ރައްޔިތުން ކޮށްދޭން ބުނާ ކަންތައްތައް ތަންފީޒު ކުރުމަށް އެކުލަވަލާފައިވާ މެނިފެސްޓޯއެއް. ރައީސް ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން އެތިބީ އަޅުގަނޑުމެންނާއި އެކުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދުތައް ސައްތައިންސައްތައަށް ފުރިހަމަ ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައީ އެންމެ ބޭނުމެއްގައި ކަމަށެވެ. އެއީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުން ވަނީ މުޅިން އެހެން ގައުމިއްޔަތެއް. މާތް ވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި އިންސާނީ ހައްގުތައް ދެމެހެއްޓުމާއި ތަކެތީގެ އަގު އަބަދު ނުއުފުލި ހުރުމާއި އެންމެ ރައްޔިތުންނަށް ރަނގަޅު މުސާރައެއް ގެއަށް ގެންދެވި ނަޒާހަތްތެރިކަމާއި އެކު ހަލާލު މަސައްކަތުން ތިމަންނާ އާއި ތިމަންނާގެ އާއިލާ ބަލަހައްޓާނެ ޖީލެއް އުފެދުން އެއީ ބޭނުންވާ ކަމަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.