ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅަކީ މިދިޔަ މަހު އަވަހާރަވި އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު ގެ ފާތިހާގެ ކަންކަމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްކަން ވަން އަށް އެނގިއްޖެ އެވެ.
އުމުރުފުޅުން 57 އަހަރުގެ އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައީސް ސޯލިހު ދުބާއީ އަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް މި ދަތުރުފުޅު ކުރައްވަނީ 27 އިން 31 އަށެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހު އަދި އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ދުބާއީއަށް ވަޑައިގެން ފާތިހާގެ ކަންކަމުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ވަނީ ކޮއްކޯފުޅުގެ މަހާނަފުޅަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ. ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުން އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވެސް ވަނީ މި ފާތިހާގެ ކަންކަމުގައި ބައިވެރިވަޑައިގަތުމަށް ދުބާއީއަށް ވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ ޅ. ހިންނަވަރަށް އުފަން ބޭފުޅުންނެވެ.
އެމަނިކުފާނުގެ އާއިލާގައި ޖުމުލަ 12 ބޭފުޅުން ތިއްބަވައެވެ.
އޭގެ ތެރެއިން ދުބާއީގައި ނިޔާވި އަހުމަދު މުހައްމަދު ސޯލިހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަގަށް ތިއްބެވި 8 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެ އަށް ބޭފުޅުންގެ ތެެރެއިން ހަތަރު ބޭޅުންނަކީ ލޯފަން ބޭފުޅުންނެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރޭގައި ތިން ހާފިޒުން ހިމެނިވަޑައިގަންނަވައެވެ.
އަހުމަދު މުހައްމަދު ސޯލިހަކީވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާއަކީ ޅ.ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ.
ރައީސް ސޯލިހު މާލެއިން ބޭރުގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގެން ކުއްލި ގޮތަކަށް އަނެއްކާވެސް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ. އެހެން ނަމަވެސް އެއިރު ސުވާލު ކުރުމުން މި ދަތުރުފުޅުގެ ސަބަބެއް ރައީސް އޮފީހުން ވެސް އާންމުކޮށްފައެއް ނުވެ އެވެ.