ރައްޔިތުންގެ މަޖިލީހުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ އެމްޑީޕީ މެމްބަރުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެޖެންޑާ 19 - މަޖިލިސް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ ތަމްސީލުކުރުމުގައި އެމްޑީޕީގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"ސަރުކާރުގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. އަދި އެ މަޖިލީހުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މި އެމްޑީޕީއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވީ ވައުދުތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައިދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތާއިދާއެކުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރާއްޖޭގެ ގައުމީ މަސްލަހަތާއި ތަރައްގީކުރާ މައި ތަނބު ކަމަށާއި އެއީ ދިވެހި ދައުލަތުގެ މައިބަދަ ކަމަށެވެ.