ރައްޔިތުންގެ މަޖިލީހަށް ހޮވެން އެންމެ މުހިންމީ ރައްޔިތުންގެ ކައިރިއަށް ދިއުމާއި ތެދު ބަހުން ވާހަކަދެއްކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭން އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކުރިން ވާ ވައުދުތަކަކީ ރައްޔިތުންނަށް ފުއްދައިދެވޭނެ ވައުދުތަކަކަށް ވާން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރަން ޖެހޭ އޮންނަނީ މައިގަނޑު ދެ މަސައްކަތެއް. އެއް ކަމަކީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން އެދޭ ގޮތްތައް ދެނެގަތުން، ވަކިވަކިން ބައްދަލުކުރުން، ޖަމާއަތްތަކާ ބައްދަލުކުރުން. ދެވަނަ ކަމަކަށް އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ ވައުދުވުން. އެ ވައުދަކީ ކުރެވޭނެ ކަންތައްތަކަކަށް ވާން ޖެހޭނެ. ތެދު ބަހުން ވާހަކަދައްކަން ޖެހޭނެ. މިކަންތައްތައް ކުރެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތް ވަރަށް ގިނަ ތަޖުރިބާކޮށްފައިވާ ކަމަށާއި ފުރަތަމަ ލިޔެވުނު ގާނޫނު އަސާސީން ފެށިގެން މިއަދު މިފެންނަ ފެހި ގާނޫނު އަސާސީއާ ދެމެދު ހިތި އަދި ފޮނި ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ.
"މި ބަރުލަމާނީ ހަޔާތުގައި ދިވެހިރާއްޖެ އެކިވަރުގެ ރާޅުތައް ގިރާކޮށްފި. ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖެ ގައުމީ މަސްލަހަތާއި ތަރައްގީ ބިނާކުރާ އެންމެ މުހިންމު ތަނބު. އެ މުއައްސަސާއަކީ ދިވެހި ދައުލަތުގެ މައިބަދަ. އެހެންކަމުން އެމްޑީޕީގެ ޓިކެޓު ކާމިޔާބުކުރެއްވި ހުރިހާ ފަރާތްތަކަށް ވެސް ތިބޭފުޅުން ތިކުރައްވަން ނިންމެވި މަސައްކަތުގެ މުހިންމުކަން ދެނެތިބެ، ހިތްވަރުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ 25 އަހަރު ހޭދަކުރީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި ހަލަބޮލިކަމާއި ކަންބޮޑުވުމާއި އެތައް ކަމެއް އެ ފުރާޅުގެ ދަށުން ދެކެފައިވާ ކަމަށެވެ. އަދި އުންމީދީ އެތައް ކަމެއް ވެސް އެ ފުރާޅުގެ ދަށުން ދެކެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.