ރައްޔިތުންގެ މަޖިލީހުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން އެއީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު، އެމްޑީޕީއަށް ކޮންމެހެން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ ކަމަށް ކެމްޕޭން ހަރަކާތްތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ވިދާޅުވަމުންނެވެ.
ރައީސް ޔާމީން ވަނީ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ދައުލަތް ހިންގާ ފަރާތަށް ނުވަތަ ބައިވެރިވާ ކޯލިޝަނެއްގެ ތެރެއިން ވިޔަސް މަޖިލީހުގައި މެޖޯރިޓީ ނެތިއްޔާ ސަރުކާރު ވެއްޓޭނެ ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ދިއުމުގެ ކުރިން އެއީ ކިހާ އެކަށީގެންވާ ކަމެއްތޯ ދިވެހިން ވިސްނާލަން ޖެހޭ ކަމަށެވެ.
"މަޖިލީހުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން އެއީ އޭގެ ޒާތުގައި މައްސަލައެއް ނޫން، އެއްގޮތަކަށް ވެސް މައްސަލައެއް ނޫން. ބަރުލަމާނީ ނިޒާމެއްގައި ދައުލަތް ހިންގާ ފަރާތަށް ބައިވެރިވާ ކޯލިޝަނެއްގެ ތެރެއިން ވިޔަސް މެޖޯރިޓީ ނެތިއްޔާ ހަމަ ސަރުކާރު ވެއްޓޭނެ. އެހެންވީމާ ދިވެހިން ވިސްނާލަން އޮތް ކަމެއް މިހާ ފަސޭހަކަމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވަމުންދާ އިރު، ކިހާ ވަރަކަށް އެކަށީގެންވާ ކަމެއްތޯ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުން އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުވެގެންދާ ކަމަށްވަންޏާ އަމުދުން ރާއްޖޭގައި ވެރިކަން ހިންގާ ބަޔަކަށް މަޖިލީހުގައި މެޖޯރިޓީއެއް ނެތިއެއް ވެރިކަން ހިންގާ ބަޔަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.
"ބަރުލަމާނީ ނިޒާމު ޕްރެކްޓިސް ކުރާ ސަރުކާރު ހިންގުން އެންމެ އަންސްޓޭބަލް ގައުމުތަކުގެ ތެރޭގައި، ކޯލިޝަންތައް އެހާ އަވަސް އަވަހަށް ހެދި، ސަރުކާރު ބަދަލުވާ ގައުމުތަކުގެ ތެރޭގައި އިޒްރޭލާއި އިޓަލީއާއި މިކަހަލަ ގައުމުތައް ހިމެނޭ. އެ ވާގޮތަކީ މަޖިލީހުގެ މެޖޯރިޓީ ލިބެނީ ކުދިކުދި އެހެން ޕާޓީތައް ވެސް ލައިގެން. އެތަނުން ކުޑަ ޕާޓީއެއް އަނެއްކާވެސް އެހެން ދިމާއަކަށް ބަލައިލާ ހިސާބުން އެ ސަރުކާރު ވެއްޓުނީ. ދެން ސަރުކާރުން ބަލަން ޖެހޭނީ އެ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއަށް އެހެން ބަޔަކު ގެނެވޭތޯ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގާ ކަންތައްތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އިދިކޮޅުގައި މެޖޯރިޓީ އޮވެގެން ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ވެއްޖެއްޔާ މެޖޯރިޓީ އޮންނަން ޖެހޭނީ ސަރުކާރުގައި ކަމަށެވެ.