ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ނޫން އެހެން ކޮންމެ ޕާޓީއަކާ ވެސް ކޯލިޝަން ހެދުމަށް މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕާޓީއެއްގެ ލީޑާޝިޕްގައި ހުރެގެން ކޯލިޝަން ހަދަން ވާހަކަދައްކަން އުނދަގޫވާނީ އެމްޑީޕީއާ ކަމަށާއި ސަބަބަކީ ތަފާތު ދެ ފިކުރަކަށްވީމާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވެސް މަޝްވަރާއަށް ތައްޔާރަށް ތިބި ބައެއް. އަޅުގަނޑުމެންނާ ވެސް ހަމަ ވާހަކަދެއްކޭނެ ޕާޓީތަކަށް. އަޅުގަނޑު ޕާޓީއެއްގެ ލީޑާޝިޕްގައި ހުރެގެން އަޅުގަނޑަށް ކޯލިޝަން ހަދަން ވާހަކަދައްކަން އުނދަގޫވާނީ އެމްޑީޕީއާ. އެއީ މިއީ ތަފާތު ދެ ފިކުރު. އެހެން ކޮންމެ ބަޔަކާއެކު ވެސް އަޅުގަނޑުމެންނަށް ވާހަކަދެއްކޭނެ. އަޅުގަނޑުމެން ތި ފުރުސަތު ހޯދާނަންވެސްމެ، އެ ފުރުސަތު އޮތް ކަމަށްވަންޏާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްއާ ކޯލިޝަން ހެދުމަށް މަޝްވަރާކުރައްވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީ ނޫން ވުޖޫދުގައި އޮތް ކޮންމެ ޕާޓީއަކާ ވެސް ކޯލިޝަން ހެދުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ޕާޓީ ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް ގުޑްލަކް. ޕާޓީއެއް ހެދިގެން މި މޫސުމުގެ ތެރޭގައި އިންތިހާބުގެ ކުރިން ވާހަކަދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ރައީސް މައުމޫންގެ ޕާޓީއާ މަޝްވަރާކުރެވޭނެ. އެމްޑީޕީ ނޫން ވުޖޫދުގައި އޮތް ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާކުރަން އަޅުގަނޑުމެން ތައްޔާރު،" އެމަނިކުފާނު ވިދާޅުވިއެވެ.