ޚަބަރު

މައްޗަންގޮޅި އުތުރު ދާއިރާއަށް ފާރިސް ވާދަކުރައްވަނީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، މިފަހަރުގެ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ފާރިސް މައުމޫން ވިދާޅުވީ އެންމެނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމާފައިވާ ކަމަށެވެ.

ދިއްގަރު ދާއިރާގައި މިހާރު ފާރިސް ހުންނެވިއިރު އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު ދިއްގަރު ދާއިރާއަށް ކުރިމަތިލާނީ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނާޒިމެވެ.

ކުރީގެ ސަރުކާރުން ފާރިސްއާ ދެކޮޅަށް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފައެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެ ދައުވާ އަނބުރާ ނަގައިފައެވެ.