ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާދިއްތަ ދުވަހު އެ ގައުމަށް ވަޑައިންނެވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އާދިއްތަ ދުވަހު ސްރީލަންކާއަށް ވަޑައިގެންނެވުމަށްފަހު އަނބުރާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަދުވަހު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހީންނާ ރައީސް ސޯލިހު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.