ޚަބަރު

މަގުމަތިވެފައިވާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ބޯހިޔާވަހިކަމާއި ވަޒީފާ ހޯދުމުގެ މަސައްކަތް ކުރަނީ

އަހުމަދު ޖައިޝަން

މަގުމަތިވެފައިވާ ފަރާތްތައް ނުވަތަ ސަލާން ޖަހާ ފަރާތްތަކަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ވަޒީފާގެ ފުރުސަތުތަކާއި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ތިބި މަގުމަތިވެފައިވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ އުދާސްތައް އަޑުއެއްސެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ އެފަރާތްތަކުން މަގުމަތިވެފައި ތިބޭ ސަބަބުތަކުގެ ތެރޭގައި ވަޒީފާ ނެތުމާއި ދިރިއުޅޭނެ ތަނެއް ނެތުން ފަދަ ކަންތައްތައް އެމީހުން ބުނާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ސަރުކާރުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން. އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދޭން. އަދި ބޯހިޔާވަހިކަމުގެ ސިޔާސަތްތަކުގެ ތެރެއިން ކީއްވެތޯ މިމީހުންނަށް އޭގެ ފުރުސަތު ނުލިބި މިއޮތީ. އެ ސަބަބު ހޯދާ މިފަދަ އެންމެ ނިކަމެތި މީހުންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ގޮތެއް ހޯދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އާންމުންނަށް ސަރުކާރުގެ ފަރާތުން ހާމަކުރާ ސިޔާސަތުތަކަކީ އެކަމަކަށް އެންމެ ބޭނުންތެރިވާ މީހާއަށް އެ ކަންތައްތައް ފޯރުކޮށްދިނުން ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އެމީހުންގެ ދިރިއުޅުމަށް ޖުމްލަގޮތެއްގައި ހެޔޮ ބަދަލެއް ގެނެސްދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާއިރު ހަމައެކަނި އެމީހުންނަށް މެޓީރިއަލިސްޓިކް ނަތީޖާތަކެއް ހޯދައިދިނުމެއް ނޫން ބޭނުންވަނީ. ބޭނުންވަނީ ޖުމްލަ ގޮތެއްގައި ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެންނަން،" އޭނާ ވިދާޅުވިއެވެ.