ޚަބަރު

"ކޮންމެ މީހަކީވެސް ފުރަތަމަ އެހީ އެއީ ކޯއްޗެއްކަން އެނގި ދަސްވެ ތިބެން ޖެހޭ މީހަކަށް ވާން ޖެހޭ"

އަހުމަދު ޖައިޝަން

ނުރައްކާތެރި ހާދިސާއެއް ހިނގުމުން އެ ކަމަކާ ގުޅިގެން ދޭން ޖެހޭ ފުރަތަމަ އެހީއަކީ ކޮންމެ މީހަކަށްވެސް އެނގެން ޖެހޭ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

"މީތި ސަޅި" ކެމްޕެއިނުގައި ހުޅުމާލޭ ސެންޓްރަލް ޕާކަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހާދިސާއެއް ދިމާވުމުން އެކަމާ ކުރިމަތިލާނެ ގޮތް ނޭނގިއްޖެކަމުގައިވާނަމަ އެކަމާ ގުޅިގެން ކިތައްމެ ނުރައްކާތެރި ކަންތައްތަކެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ނޭނގެނީއޭ ކަންތައްތައް. އަޅުގަނޑުމެން ކަންތައްތަކެއް ދަސްކުރަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ކަމެއް ވީމަ، ނުވަތަ ކަމަކާ ކުރިމަތިވީމައި، އެކްސިޑެންޓެއް ނުވަތަ ނިކަމެތި ހާލަތެއް ދިމާވާއިރު އެކަމަކާ ކުރިމަތިލާނެ ގޮތެއް ނޭނގެ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ ހުރިހާ އެންމެންވެސް އެފަދަ ކަންތައްތަކަށް ސަމާލުވާން ޖެހޭނެ ކަމަށާއި އެއީ ފަރުދީ ކަމެއްގެ ގޮތުގައިވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މަގުމަތީގެ ގާނޫނު އޮތް ނަމަވެސް ތަންފީޒު ނުކުރެވޭ ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މަގުމަތީ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.