ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޕީޕީއެމް އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނަށް މަރުގެ އިންޒާރު ދިނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ. އަދި އެ މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ނިހާނަށް މަރުގެ އިންޒާރުދިނީ ކިހިނެތް ކަމެއް ޕީޕީއެމް އިން ނުބުނެއެވެ. އެކަން ކުށްވެރިކޮށް އެމްޑީޕީގެ ލީޑާޝިޕުން މައާފަށް އެދުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ސޮލާހު ރަޝީދަށް ވެސް ވަނީ މަރުގެ އިންޒާރު ދީފައެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާއަށް މަރުގެ އިންޒާރުދިން މައްސަލަ ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.