މިނިވަން ދުވަސް

އިސްލާމްދީނަކީ ހައްގަކާ ނުލައި ލޭ ހުއްދަކުރާ ދީނެއް ކަމަށް ދައްކަން ކުރާ މަސައްކަތާ ދެކޮޅަށް ތެދުވާންޖެހޭ: ރައީސް

1

އިސްލާމްދީނަކީ ހައްގަކާނުލައި ލޭ ހުއްދަކުރާ ދީނެއް ކަމަށް ދައްކަން ބަޔަކު މަސައްކަތްކުރާ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައެވެ.

މިނިވަންކަމާއި ސުލްހަ އާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދީފައި ވަނީ އިސްލާދީންގައި ކަން ރައީސް ސޯލިހު ފާހަގަކުރެއްވެވި އެވެ. ނަމަވެސް އިސްލާމްދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމު ކުރުމަށް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ކޮންމެ މީހަކު ފާޅުގައި ދެކޮޅަށް ތެދުވަން ޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުޖްތަމައުންނާއި ވަކިން ހާއްސަކޮށް ބައެއް އިސްލާމީ ގައުމުތަކުން މިއަދު ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ، އެގޮތަށް ފަތުރަމުންދާ ހަރުކަށި ފިކުރީ އޮއިވަރަށް އެ ގައުމުތަކުގައި ޖާގަ ދެވިފައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ.

އެއިން ކޮންމެ ގައުމެއްގައިވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ކަމަށާއި، އޭގެ ފަހުން އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށުނު ކަމަަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މިއަދު އެއިން ކޮންމެ ގައުމަކީ، މިނިވަންކަމާއި ސުލްހައާއި ހަމަޖެހުން ގެއްލިފައިވާ ގައުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުންދާ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއް ކަމަށެވެ. އެއްވެސް ހަމައަކުން ބަލާއިރު، އެ ކަމަކީ އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށާއި އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އެއީ އިންސާނީ މުޖްތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖްތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް، އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފުރަތު އުފެއްދުމަށް ހިންގާ އަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެއީ އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ ދެ މައްސަލައިގެ ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫން ކަމަށެވެ.

"މި ދެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި، އެކުދިންގެ ދިރިއުޅުން ބިނާކޮށް ނުދެވިއްޖެ ނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން، ތައުލީމީ ނިޒާމުގެ ތެރެއިން، މިކަން ހައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން،"

އެމަނިކުފާނު ވިދާޅުވީ، މުޖުތަމައު ބައިބައިކުރާ އެފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ގައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެފަދަ ހާލަތަކަށް ގައުމުގެ ކަންކަން ހިނގައްޖެ ނަމަ، ގައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟