ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ އުމުރުގެ 90 ޕަސެންޓް މީހުންނަށް އޯގަސްޓުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައެވެ.
އެ ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް އަންނަ ހަފުތާގެ ތެރޭގައި ސަރުކާރުން ފަށާނެ ކަމަށެވެ.
ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، އަންނަ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށްވެސް ވިދާޅުވިއެވެ.
ވެކްސިން ނުޖަހައި މިހާރު ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭ ވަރަށް، ރާއްޖެއަށް ވެކްސިން ގެނެސްފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"އެހެންކަމުން، މިފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން." ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ހިތޯބުގައި ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
"މިއަދުގެ މިއުފާވެރި މުނާސަބަތުގައިވެސް، ކޮވިޑާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ސިއްހީ ހިދުމަތްތެރިންނާއި ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން އެކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން،"
ކޮވިޑް 119 އާ އެކު "އަޅުގަނޑުމެންނަށް މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒު ކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް. ހަމައެއާއެކު، ގައުމުގެ އިގްތިސޯދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރިކަމާ އެކު، މަސައްކަތް ފެށުމަށް،" ކަމަަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް މިކުރަނީ، ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރެއިންވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުން ފަދަ، ތައުލީމާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، ސިއްހީ ހިދުމަތްތައް ތަރައްގހީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އިރާދަކުރެއްވިއްޔާ މެދުކެނޑުމެއް ނެތި އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.