މަޑުން ވެހިކަލު ދުއްވުމުގެ މުހިންމު ކަމާއި ބޭނުންތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ "މީތި ސަޅި" ކެމްޕެއިންގެ ދަށުން ކުރިއަށްދާ ސައިކަލު ބުރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ފަށްޓަވައިދެއްވައިފި އެވެ.
މިނިސްޓަރު ނަހުލާއާއެކު ފެށްޓެވި އެ ހާއްސަ އިވެންޓުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. އަދި އޭގެއިތުރުން އެމްއެންޑީއެފްގެ ގިނަ ބަޔަކުވެސް ވަނީ ބައިވެރިވެފައެވެ.
އެ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު އެ ހާއްސަ ހަރަކާތް ފަށާފައިވަނީ ބްރިޖު ކައިރި ސަރަހައްދުންނެވެ. އަދި ބްރިޖު މަތީން ފެށިގެން ހުޅުމާލޭގައި އެ ބުރު ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އެ ބުރު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދު ކައިރިންނެވެ.
މިނިސްޓަރު ނަހުލާ މީގެކުރީން ވަން އޮންލައިން އަށް ވިދާޅުވީ މަޑުން ދުއްވުމުގެ މުހިންމުކަމާއި އެކަމަށް ހޭލުންތެރިކަން އިތުރުކުމުގެ ކެމްޕޭނަށް "މީތި ސަޅި"ނަން ދެއްވި މައިގަނޑު ސަބަބަކީ މަޑުން ދުއްވުމުގެ ރަނގަޅު ކަމާއި މުހިންމުކަން ވިސްނައިދިނުން ކަމަށެވެ.
"ހަގީގަތުގަ ބައެއް މީހުންނަށް ހީވެފަ މި އޮންނަނީ ބާރުބާރަށް ދުއްވުމަކީ ވަރަށް ކޫލް ކަމެކޭ. ނޫނީ ވަރަށް ސަޅި ކަމެކޭ. އެކަމަކު އަޅުގަނޑުމެން ބުނެދޭން މި އުޅެނީ ބާރަށް ދުއްވުމަކީ އެއްގޮތަކަށް ވެސް ސަޅި ކަމެއް ނޫނޭ. ކޫލް ކަމެއް ވެސް ނޫނޭ. ހަގީގަތުގަ ސަޅި ކަމަކީ މަޑުން ދުއްވުމޭ. ހުރިހާ ގޮތަކުން ބެލިނަމަވެސް މަޑުން ދުއްވުން ސަޅިއޭ. ހެލްމެޓް އަޅައިގެން ދުއްވުން އަދި މާ ސަޅިއޭ." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.