މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިދުމަތްތައް ހޯދުމަށް ލުއިފަސޭހަވާނެ ގޮތެއް ހަމަޖެއްސުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި މިހާރު ސިޓީއަކުން ކަސްޓަމްސްގެ ހިދުމަތްތަކަށް އެދޭ އެދުން ބަދަލުކޮށް ސްޓޭންޑަޑް އެޕްލިކޭޝަން ފޯމަކުން ކަސްޓަމްސްގެ ހިދުމަތްތަކަށް އެދޭގޮތަށް ބަދަލުކުރުމަށް އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މި ބައްދަލުވުމުގައި ކަސްޓަމްސްގެ ބްރޯކަރުންގެ އިތުރުން ޝިޕިންގ އެޖެންޓުން އަދި އެކި ދާއިރާތަކުން ކަސްޓަމްސްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ކަސްޓަމްސްއިން ވަނީ އެ އިދާރާގެ ހިދުމަތްތަކަށް ވަކި ސްޓޭންޑަޑް އެޕްލިކޭޝަން ފޯމެއް ބޭނުންކޮށްގެން އެދުމުން ހިދުމަތްތަކަށް އެދުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވުމުގެ އިތުރުން ހިދުމަތް ދިނުން އަވަސްވެގެން ދާނެ ކަމަށް ބުނެފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ވަނީ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ދެވޭ ހިދުމަތް ލުއިފަސޭހަކޮށް، ވަކިވަކި ހިދުމަތްތަކަށް ބޭނުންވާ ކަންކަން އެއްފަހަރުން ފުރިހަމައަށް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ވިދާޅުވެފައެވެ.