އީދު ބަންދަށް މެދުކަނޑާލުމަށްފަހު، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރަން ދެން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ބުނެފި އެވެ.
ފެލެޓް ލިބުނު މީހުންނާ އެކު މިދިޔަ ހަފުތާގެ ބުދަ ދުވަހު ސޮއި ކުރަން ފަށާފައިވާއިރު، ހަފުތާ ނިންމާލައި އީދު ބަންދަށް ވަނީ ސޮއި ކުރުން މެދުކަނޑާލާފަ އެވެ. އަންނަ ހޮނިހިރު ދުވަހު އަލުން ސޮއިިކުރަން ފަށާނެ ކަމަށް ބުނި ނަމަވެސް އެޗްޑީސީން ވަނީ އާދިއްތަ ދުވަހަށް ފަސްކޮށްފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާވަލެއް އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ހުރަވީ ސްކޫލުގެ ހޯލްގައި ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރަން ފެށި ނަމަވެސް ފްލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ނިމިފައި ނުވާ ކަމަށާއި އެހެންކަމުން އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު އަދި "ގްރޭސް ޕީރިއަޑް" ގެ ތިން މަސް ގުނަން ފެށޭނީ ފުލެޓަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ޓަވަރުތަކުގެ ލިފްޓް ބޭނުން ކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ، ފުލެޓު ބޭނުންކުރުން ހުޅުވާލެވޭނީ ޓަވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.